ރައީސް އަބްދުﷲ ޔާމީން

ސަރުކާރުން ރައްޔިތުންނަށް ޣައްދާރުވެއްޖެ: ޔާމީން

ދިވެހިރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މިސަރުކާރަށް އެކަށީގެންވާ ވަގުތު ލިބި އެކަން ކޮށްފައި ނުވާ ކަމަށް މިވިދާޅުވެ މިސަރުކާރުން ރައްޔިތުންނަށް ޣައްދާރުވެއްޖެ ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފޯޅަވަހީގެ މިލްކުވެރިކަމުގައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދި ސީ (އިޓްލޮސް)އިން މިހާރު ވަނީ ނިންމުންތަކެއް ނިންމާފަ އެވެ. އެގޮތުން ފޯޅަވައްސަކީ މޮރިޝަސްގެ އިހްތިސާސް ހިނގާ ތަނެއް ކަމަށް ކަނޑައަޅައި ރާއްޖޭގެ ދެކުނުން އޮންނަ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ބައިކުރާނެ ގޮތެއް އިޓްލޮސް އިން މިހާރު ވަނީ ނިންމާފަ އެވެ.

ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލަ އިޓްލޮސް އިން މިދިޔަ އަހަރު ނިންމީ އެތަނުގެ މިލްކުވެރިކަމާ މެދު ރާއްޖެއިން މީގެކުރިން ގެންގުޅުނު ވިސްނުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބަދަލުކުރުމާ ގުޅިގެންނެވެ. އެމްޑީޕީގެ ސަރުކާރުން ވަނީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް އިއުތިރާފް އެވެ. އަދި ފޯޅަވަހި ހިސާރުކޮށްގެން ތިބި އިނގިރޭސި ދައުލަތުން މިހާރު ވަނީ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރަން ނިންމާފަ އެވެ.

ބައިނައަލްއަގްވާމީ ގާނޫނީ ވަކީލުންގެ ލަފާ ހޯދުމަށްފަހު މިސަރުކާރުން ވަނީ އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރުމުގެ މަސައްކަތް ދިވެހި ދައުލަތުގެ ފަރާތުން ފަށާފަ އެވެ.

ރައީސް ޔާމީންގެ ޕާޓީ -- ޕީއެންއެފް އިން ރޭ ޔާމީންގެ ގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މިސަރުކާރަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށާއި އެ މަސައްކަތް ކުރާތީ ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އެންމެ ކުޑަމިނުން ދިވެހިންނަށް މި ކަމުގައި ތަސައްލީއެއް ހޯދައިދިނުމަށްޓަކައިވެސް އަޅުގަނޑަށް ހީވަނީ ކުރީ ޒަމާނުގެ އެންމެ ސްލޯ ޓައިޕްރައިޓަރުން ޓައިޕްކުރިއަސް މިހާރު ފުދޭ ވަރަކަށް ވަގުތު ލިބިއްޖެ ކަން ނޭނގެ،" ވަރަށް ބޮޑަށް ފާޑު ކިޔުއްވަމުން ޔާމީން ވިދާޅުވި އެވެ.

ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަނޑު ސަރަހައްދު ހޯދުމަށް ކުޑަ މިންވަރެއްގެ މަސައްކަތެއްވެސް މިސަރުކާރުން ކޮށްފައި ނުވާ ކަމަށެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްއަށް ފޮނުވި ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ ނުލައި ފޮނުވި ސިޓީއަކަށް ވާތީ އެންމެ ކުޑަ މިންވަރަކަށް އެކަން މޮރިޝަސްއަށް މިސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ މެދު ގޮތެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހުން ގޮތްތަކެއް ނިންމައިގެން ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހި މިހާރު ހިސޯރުކޮށްގެން ތިބި އިނގިރޭސިވިލާތުގެ ސަރުކާރާ ވެސް މިމައްސަލައިގައި ވާހަކަދައްކަންޖެހޭ ކަމަށާއި ނަމަވެސް އެވަރުވެސް މިސަރުކާރުން އަދި މިހާތަނަށް ކޮށްފައި ނެތް ކަމަށެވެ.

"އެއްވެސް ވަރެއްގެ ބިންކޮޅެއް ދޫކޮށްލުމަކީ މިއަދު ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫނޭ. އެކަމަކު، އަޅުގަނޑުމެން މި ތިބީ އަނގަމައްޗަށް ޖަހައިގެން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ރައްޔިތުންނަށް ހާމަކުރަން މިސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި މިހާތަނަށްވެސް އެ ސިޓީގެ މައްސަލައިގައި ރައީސް ސޯލިހާ ސުވާލުކުރެވިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަން ބަދަލުކުރަން މަސައްކަތެއް ނުކޮށް ތިބި ތިބުމާއި ހަމައިން އަޅުގަނޑު ދިވެހި ރައްޔިތުން ކައިރީ ބުނާނީ މި ސަރުކާރު ޣައްދާރުވެއްޖެއޭ ދިވެހި ރައްޔިތުންނަށް،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް އެތައް ބައިވަރު ވައުދުތަކެއް ވީއިރު ވައުދުތައް ފުއްދަމުން ނުދާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ އުއްމީދު މިއަދު މިސަރުކާރާ މެދު ގެއްލިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
=