އެމްއާރުއެމް

އިޓްލޮސްގެ ނިންމުން އިސްތިއުނާފްކުރަން އެމްއާރްއެމް އިން ގޮވާލައިފި

ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތު އޮތް ކަނޑުގެ ސަރަހައްދު ބަހާލުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

އެމްއާރްއެމް އިން މިހެން ބުނެފައި މިވަނީ ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ އިގްތިސާދީ ސަރަޙައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ނިމުނު ގޮތާ މެދު އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ނިންމުން ހާމަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.

އެމްއާރްއެމް އިން ދެކޭ ގޮތުގައި އިޓްލޮސްގެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާ ތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެކެވެ.

އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަކީ ގައުމުތައް އަޅުވެތި ކުރުން ނުވަތަ ކޮލޮނައިޒޭޝަނާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުންދާ ގައުމެއް ކަމަށާއި ރާއްޖޭގެ ކުރީގެ ސަރުކާރުތަކުންވެސް އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށެވެ.

މޮރިޝަސްއިން ބޭނުންވާ ގޮތަށް ޗާގޯސް އަކީ އެ ގައުމުގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބުވެސް ކުރީގެ ރައީސް މައުމޫން ޒައީމަކަށް ހުންނަވާ އެމްއާރްއެމުން ބުނެފައިވެ އެވެ. އެގޮތުން އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ނުވާތީ އާއި ޗާގޯސް، މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށް އުނިކަން ލިބުން އެއީ މައިގަނޑު ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

"މިމައްސަލަ ނިމިގެން ދިޔަގޮތުން މިހާރު މިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައި އޮތް މަސްވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭ ގޮތަށެވެ. މިނިންމުމުގެ ސަބަބުން އުނިވެގެން ދިޔައީ ދިވެހި މަސްވެރިން މަހަށް ނިކުމެ އުޅޭ ކަނޑުގެ ބައެއް ކަމަށް ވުމުން، މިއީ އިއާދަ ނުކުރެވޭވަރުގެ ދެރައެއް ކަމުގައި މި ޕާޓީން ދެކެމެވެ." ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ދެކުނު ސަރަހައްދުން ވަގަށް މަސްވެރިކަން ކުރުން އިތުރުވެގެން ދިއުމާއެކު، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސްޓޮކް ހީނަރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. މި މައްސަލަ ނިމިގެން ދިޔަ ގޮތުން ވާދަވެރި ހަރަކާތްތައް އިތުރުވެ ސަރަހައްދު ބެލެހެއްޓުމުގެ އަގު ބޮޑުވެ، އެ ސަރަހައްދުގެ ކަނޑާއި ބިމުއަޑީ ތަހުލީލުތައް ކުރުމާއި ކަނޑުވެށި މޮނިޓަރުކުރުމުގެ ފުރުސަތުވެސް ރާއްޖެއަށް ގެއްލޭ ކަމަށް އެމްއާރް އިން ބުންޏެވެ.

އެ ޕާޓީން ބުނީ އުނިވެގެން ދިޔަ ސަރަހައްދުން މުސްތަގުބަލުގައި ރާއްޖެއަށް ލިބޭނެ މަންފާތައް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުންނާއި ބިމުއަޑީން ލިބެން ހުރި ސީފުޑާއި ނާދިރު މައުދަނާއި، ބޭސްފަރުވާގެ އުންސުރުތައް ފަދަ މައުދަނީ މަންފާގެ ފުރުސަތުތަކާއި އެ ސަރަޙައްދުގައި މޫސުމީ އަދި ކާރިސީ ތަހުލީލުތައް ކުރުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށް ބުޏްވެ.

މީގެއިތުރުން ދެ ގައުމުގެ މަސްލަހަތު ބެލެހެއްޓުމުގެ މާއްދީ އަދި ސިޔާދަތީ ހާރިޖީ އަގު ވަޒަންނުކުރެވޭ މިންވަރަށް ބޮޑުވުމާއި، މައްސަލައިގެ ބާވަތުން ދާހިލީ ހަމަނުޖެހުން އިތުރުވެ، އޭގެ ދިފާއީ އަގު ބޮޑުވެގެން ދާނެ ކަމަށްވެސް ބުންޏެވެ. އަދި އިންޑިއާ ކަނޑުގެ ސްޓްރެޖިކް ބެލެންސް ގެއްލި، ސަރަހައްދުގައި ދެމެހެއްޓިފައިވާ އަމާންކަން ގެއްލުމުގެ ބިރުވެރިކަން އުފެދުމާއި، ގައުމީ އެއްބައިވަންތަކަން ރޫޅި، ބޭރުގެ އިސްތިއުމާރީ ފިކުރަށް ޖާގަ ހުޅުވުމުގެ ފުރުސަތު އޮތުމާއި، އެ ސަރަހައްދުގައި މިނިވަންކޮން ހިނގަމުންދާ ޝިޕިންރޫޓް ތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"އެމްއާރްއެމް ދެކޭ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ އެންމެހާ ފަރާތްތަކާއި އަދި ޖުމްލަކޮށް ދިވެހިންގެ މަސްލަހަތު އޮތް ކަމަށްވާއިރު މިދެންނެވި ފަރާތްތަކާއި މަޝްވަރާކުރެވިގެން ނޫނީ މިހާހިސާބަށް ގޮސްގެންވާނެ ކަމެއް ނޫނެވެ. އަދި މި މައްސަލަ ނިމިގެންދިޔައިރު މިކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހިމެނިފައި ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުން، ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވާ ކަންވެސް ފާހަގަކޮށްފަ އެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން އެ ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވެ ސޮއިކޮށްފައި ނެތް ކަމަށްވެސް ބުންޏެވެ. އެކަން އެހެން އޮތްއިރު 2019 ގައި މޮރިޝަސްގެ ސިޔާދަތު ޗާގޯސްގެ މައްޗަށް އޮތުމާ ދެކޮޅަށް ދިވެހި ސަރުކާރުން ވޯޓު ދިނުމަށްފަހު، އެ ސިޔާސަތު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުން ފޮނުވި ކަމަށް ބުނާ ސިޓީގެ ހަގީގަތް ހާމަކުރުމަށް އިއުތިރާޒު ކުރުމަކީ އޭގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭ ކަމެއް ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައިވެ އެވެ.

"ވުމާއެކު މިކަމާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީފައި ނުވުމާއި މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމްއާރްއެމް އިން ނުހަނު ކަންބޮޑުވަމެވެ." ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރްއެމް އިން ތާއީދު ނުކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމަވާފައިވާނަމަ އެ ނިންމުމެއް ބަދަލުކުރުމަށް މިބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ރައްޔިތުންގެ ހައްގުގައި މިމައްސަލަ އިސްތިއުނާފުކޮށް ދިވެހިންގެ މަސްލަހަތަށް އިންސާފުވެރި އުސޫލަކުން ސަރަހައްދު ބެހުމަށް އެދުމަށްވެސް ގޮވާލާފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ވަކި ބަޔަކު ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލޭ ގޮތަށް "ކަނޑު ވިއްކާލުން" ފަދަ ސާބިތު ނުހިފޭ ވާހަކަދައްކާތީ މިމައްސަލައަށް ރައްޔިތުންދޭ އަހައްމިޔަތު ކުޑަވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެނަށް މައްސަލަ ކާމިޔާބު ކުރުމަށް އުދަނގޫ ވާނެ ކަމަށްވެސް އެމްއާރްއެމް އިން ގަބޫލުކުރަމެވެ. މިމައްސަލަ އަކީ ސިޔާސީ މައްސަލައަކަށް ނުވާއިރު ބައެއް ފަރާތްތަކުން މިމައްސަަލަ ސިޔާސީ މައްސަލައެއްގެ ގޮތުގައި ނަގަމުންދާކަން ހިތާމައާ އެކު ފާހަގަކޮށް ގައުމީ މަސްލަހަތު ހިމެނޭ މިފަދަ ކަންކަން ސިޔާސީ ކުރުން ހުއްޓާލުމަށް އެމްއާރްއެމް އިން ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.