ޗާގޯސް އާކިޕެލާގޯ

ޗާގޯސް މައްސަލަ: އިލްމުވެރިންގެ ގުޅުމުން ރައީސްގެ އަރިހަށް

ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑު ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތް ސާފުކުރުމަށް ދީނީ އިލްމުވެރިންތަކެއް ހިމެނޭ -- އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ދޮޅުގަޑިއިރުގެ ބައްދަލުވުމާ ގުޅޭ ގޮތުން އިލްމުވެރިންގެ ގުޅުމުން ބުނީ މިބައްދަލުވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިލްމުވެރިންގެ ފަރާތުން ސަރުކާރަށް ހުށަހަޅަން ހުރި ސުވާލުތައް ހުށަހެޅުމަށާއި ރައީސް ސޯލިހާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުން ހުށަހެޅި ކަންކަން

  • ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ރައީސް ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހިއްސާކުރުން
  • ރާއްޖޭ ހާއްސަ އިގްތިސާދީ ހާއްސަ ސަރަޙައްދު ކަމަށް ކަނޑުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސަރަޙައްދާ މެދު، އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށަހެޅުން
  • އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު އީއީޒެޑް މައްސަލައިގައި ސަރުކާރުގެ މައުޤިފާ ދެކޮޅު ފަރާތްތަކާއެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ދިއުން

ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި އިލްމުވެރިން ކުރެއްވި ސުވާލުތަކަށް ރައީސް ސޯލިހާއި ބަންޑާރަނައިބް ވަނީ ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވާފައި ކަމަށް މިބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު އަވަސް އަށް ވިދާޅުވެފައިވެ އެވެ.

ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތާ މެދު ދިވެހި ސަރުކާރާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ވެސް ވާހަކަދައްކަނީ ކަމުގެ ހަގީގަތްތައް ހާމަކުރުމަށް ވުރެ ބޮޑަށް އެބައެއްގެ މަސްލަހަތުގަ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު ބަހާލި ގޮތެވެ.