އެމެރިކާއަށް ވުރެ ކުރިން ހަނދުގެ ދެކުނު ބިތަށް ޗައިނާއިން އިންސާނުން ފޮނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވެއްޖެ އެވެ.
ނެލްސަން ވިދާޅުވި ގޮތުގައި ހަނދުގައި ތެތްކަމެއް ހުރި ނަމަ ހުރީ ދެކުނު ބިތުގަ އެވެ. ގަނޑުފެނާއި އަދި ބޭނުންތެރި މާއްދަތައް ގިނައީ ދެކުނު ބިތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފެން އަތުޖެހިއްޖެނަމަ ހައިޑްރޮޖަން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެލްސަން ވިދާޅުވީ އެމެރިކާގެ އެސްޓްރޮނޯޓުންނަށް ހަނދުގެ އެ ހިސާބަށް ދެވޭއިރު ޗައިނާއިން އޮންނާނީ މުޅި އެ ސަރަހައްދު އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އެމެރިކާގެ އެސްޓްރޮނޯޓުންނަށް ޖިފުޓިއެއް ޖަހާލާނެ ބިންކޮޅެއް ނުލިބުމުގެ ބިރު އޮތް ކަމަށް އެޑްމިނިސްޓްރޭޓަރު ވިދާޅުވި އެވެ.
ނެލްސަން ވިދާޅުވީ ހަނދުގެ ދެކުނު ބިތުގައި ޗައިނާއަށް ވުރެ ކުރިން ސްޓޭޝަން ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެމެރިކާ އަކީ އެއްވެސް ކަމެއް ދެވަނަ ދަރަޖާގައި ބަލައިގަންނަ ގައުމަކަށް ވާން އެދިވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ ހިމޭނުން އޮއެ ދެކުނު ޗައިނާ ކަނޑުގެ ކޮންޓްރޯލް ހޯދައިފި ކަމަށްވެސް ނެލްސަން ވިދާޅުވި އެވެ. ހަނދު ކޮންޓްރޯލް ކުރުމުގައި ވެސް ޗައިނާ ގެންގުޅެނީ އިޝްތިހާރު ކުރުމަށް ވުރެ ހިމޭން އަމާޒުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެމެރިކާގެ ވެރިންނަށް މިކަން ވިސްނޭނީ ކޮން ދުވަހަކުންތޯ ނެލްސަން ސުވާލުކުރެއްވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އެ ހުންނެފީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ވާދަވެރިކަން ކުރިމައްޗަށް ނެރެ އެމެރިކާ އޮޅާލެއްވުމުގެ ނިޔަތުގައި ކަމަށް ވެސް ނެލްސަން ވިދާޅުވި އެވެ.
އެމެރިކާއިން އިންސާނުން ހަނދަށް ފޮނުވަން މިހާރު ހިންގާ އާޓަމިސް ޕްރޮގްރާމަކީ އަދި މިހާތަނަށް އިވޭ ގަދަފަދަ އަޑެކެވެ. އާޓަމިސް މަރުކާގައި ކާމިޔާބީއާ ހަމައަށް އަދި ދެވޭ ގޮތެއް ނުވެ އެވެ.
އޮފިޝަލުން ބުނާ ގޮތުން އާޓަމިސް ޕްރޮގްރާމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުރަން ޖެހޭ ބޮޑު ހޭދަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަށް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.