ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމުގައި އަމަލުކުރި ގޮތް ދިރާސާކޮށް ރާއްޖޭގެ ބާ ކައުންސިލަށް އިންސާފުވެރި ރިޕޯޓެއް ނެރެވިދާނެ ކަމާ ދޭތެރޭ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ސުވާލު އުފައްދަވައިފި އެވެ.
ބާ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމުގައި ނިންމާފައިވާ ނިންމުމަކީ މުހިއްމު ގައުމީ މައްސަލައެއް ކަމަށެވެ.
ރާއްޖޭގެ އާންމު މަސްލަހަތާ ގުޅުން ހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ ފަންނީ ގާނޫނުގެ ދަށުން އެ ކައުންސިލާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށް މިބަޔާނުގައި ފާހަގަކޮށްފަ އެވެ. އެހެންވެ ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމުގައި އަމަލުކުރި ގޮތުގެ ދިރާސާއެއް އެ ކައުންސިލުން ހެދުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ބާ ކައުންސިލްގެ ނިންމުމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަަލައިގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ތާއީދުކޮށް މަރުހަބާ ކިޔައި ބާކައުންސިލްގެ ރައީސް އަދި އެކްސްކޯގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައި ކަމަށެވެ.
ބަންޑާރަނައިބްގެ ހައިސިއްޔަތުން އިބްރާހީމް ރިފްއަތު ބާ ކައުންސިލްގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި އިންނަވާތީ ރިފްއަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އުޝާމު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި އެންމެ ބޮޑެތި ގޯސްތައް ހަދާފައިވާ ބަންޑާރަނައިބް ބާކައުންސިލްގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި އިންނަވާތީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.
"ދުނިޔޭގެ ކޮން ގައުމެއްގައިތޯ އިންޑިޕެންޑެންޓް ބާ ކައުންސިލެއްގެ އެކްސްކޯ މެންބަރަކަށް ދައުލަތުގެ ބަންޑާރަނައިބް އިންނަނީ،" އުޝާމު ސުވާލުކުރެއްވި އެވެ.
އުޝާމު އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑު "ވިއްކާލި" މައްސަލައިގައި ބާ ކައުންސިލްގެ އެކްސްކޯގެ މެންބަރުންތަކެއް ވަކިކޮޅެއް ނަގައިގެން ތިބިކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"މިފަދަ ހާލަތެއްގައި އޮތް ކައުންސިލަކުން އިންސާފުވެރި ހަމަހަމަ ދިރާސާއެއް ހަދާނެކަމާ ދޭތެރޭ ޝައްކު،" އުޝާމު ވިދާޅުވި އެވެ.