ބާ ކައުންސިލް

ވަކީލުން ތައްޔާރުވެގެން ކޯޓަށް ހާޒިރުވުމަކީ އިންސާފު ގާއިމުކުރުމަށް ވެދެވޭނެ އެހީއެއް: މަޒީދު

މައްސަލަތަކުގައި ރަނގަޅަށް ތައްޔާރުވެގެން ކޯޓަށް ހާޒިރުވުމަކީ އިންސާފު ގާއިމުކުރުމަށް ވަކީލުންނަށް ވެދެވޭނެ ބޮޑު އެހީތެރިކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު މަޒީދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބޭއްވި ގާނޫނީ ވަކީލުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި، ހުވައިލައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އާދިއްތަ ދުވަހު މުޅިން އަލަށް އަށް ބޭފުޅަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދެއްވި އެވެ.

ގާނޫނީ ދާއިރާއާ އަލަށް ގުޅުނު ވަކީލުންނާ މުހާތަބު ކުރައްވާ ފަނޑިޔާރު މަޒީދު ވިދާޅުވީ ގާނޫނީ ވަކީލުންގެ ޒިންމާއަކީ ބޮޑު ޒިންމާއެއް ކަމަށާއި، ވަކީލަކު ކުރަންޖެހޭ ކަމެއް ނުކުރެވިއްޖެނަމަ ބައެއްގެ ހައްގުތަކެއް ގެއްލި އަދި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

"މީގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މުހިއްމު އެއް ދައުރު އަދާކުރާ ފަރާތަކީވެސް ވަކީލުން،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މައްސަލަތަކުގައި ރަނގަޅަށް ތައްޔާރުވެވަޑައިގެން ކޯޓަށް ވަޑައިގަތުމަކީ އިންސާފު ގާއިމުކުރުމަށް ވަކީލުންނަށް ވެދެވޭނެ ބޮޑު އެހީތެރިކަމެއް ކަމަށްވާތީ ވަކީލުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ބާ ކައުންސިލުގެ ރައީސް ހުސައިން ސިރާޖު ދެއްކެވި ވާހަކަފުޅުގައި، ގާނޫނީ ވަކީލުންގެ މަސައްކަތާއި، ސުލޫކާއި، އަދުލު އިންސާފަށާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމާއި، ކޮންޓިނުއިން އެޑިޔުކޭޝަން، ޕްރޮފެޝަނަލް ކޮލެބޮރޭޝަންގެ އިތުރުން މުޖުތަމައުގެ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

މިރަސްމިއްޔާތުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯއްދެވި އަށް ބޭފުޅުންނާއެކު މިހާތަނަށް ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން 407 މީހަކަށް ވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވިފައިވާ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.