ބާ ކައުންސިލް

ޓްވީޓެއްގެ މައްސަލާގައި ޝުޖާއު ބާ ކައުންސިލަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ކުރެއްވި ޓްވީޓެއްގެ މައްސަލާގައި އޭނާ ބާ ކައުންސިލަށް ހާޒިރުވާން އަންގައިފި އެވެ.

ޝުޖާއު ހާޒިރުކުރަނީ ހައިކޯޓުން ބާ ކައުންސިލަށް ހުށައެޅި މައްސަލައެއް ގައެވެ. ހައިކޯޓުން ޝުޖާއުގެ މައްސަލައެއް ހުށައެޅީ "ޖޭއެސްސީއިން ނުފޫޒު ފޯރުވާހާ ހިނދަކު ރައީސް ޔާމީނަށް އިންސާފެއް ނުލިބޭނެ" ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ހައިކޯޓުން ހުށައެޅި މައްސަލާގައި ޝުޖާއުގެ އެ އަމަލަކީ އިންސާފާމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދި ކޯޓްތަކާމެދު އޮތް އިތުބާރު ގެއްލޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މާދަމާ ހަވީރު ބާ ކައުންސިލަށް ހާޒިރުވާން ވަނީ އަންގާފައެވެ. އެއީ އެ ކައުންސިލުން އެ މައްސަލަ ބަލަމުންދާތީ ތަހުގީގަށް ބަޔާނެއް ނެގުމަށެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނަވާ ޝުޖާއު އިސްތިއުފާ ދެއްވީ އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުންނެވެ. މަޖިލީހުގެ ކޮމެޓީންވެސް ނިންމީ ޝުޖާއު މަގާމުން ވަކިކުރަން ޖެހޭ ކަމަަށެވެ. ޝުޖާއުގެ މައްޗަށް ތަހުގީގު ތަހުގީގުކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ގއ. ގެމަނަފުށްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމާއި، ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެނަމަ، ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ މައްސަލައެކެވެ.

މަގާމުން އިސްތިއުފާދެއްވާކަން ހާމަކޮށް އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީން ނިންމާފައިވަނީ އަނިޔާވެރި ނިންމުމެއް ކަމަށެވެ. އޭނާގެ މައްޗަށް ކުރައްވާ ތުހުމަތުތައް ދޮގުކުރައްވާ ވިދާޅުވީ އެއީ އެހެން ފަނޑިޔާރުންވެސް ފަސޭހަކަމާއެކު މަގާމުން ވަކިކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.

އަދި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް މިހާރު ނެެތް ކަމަށްވެސް ފަނޑިޔާރު ކަމުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.