ކްރިމިނަލް ކޯޓް

އޯކޭ ދިނުމަށްފަހު ކޯޓަށް ހާޒިރު ނުވި ވަކީލަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

ބަންދު މައްސަލައެއްގައި ކޯޓަށް ހާޒިރުވާންޖެހޭ ވަކީލަކު، ކޯޓަށް ހާޒިރުވުމަށް "އޯކޭ" ދިނުމަށް ފަހު ކޯޓަށް ހާޒިރު ނުވި މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ދީފި އެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީއެއްގެ ވަކީލެއްގެ މައްސަލަ އެވެ. އެހެންނަމަވެސް އެއީ ކޮން ވަކީލެއް ކަމެއް އެނގިފައެއް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން އެ ބިދޭސީ މީހާގެ މައްޗަށް ޑްރަގު ވިއްކުމާއި ގަތުމުގެ ތުހުމަތު ކުރެ އެވެ. އެ ބިދޭސީ މީހާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކިން މިންގަނޑަށް އަރަ އެވެ.

މި މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން ބަންގްލަދޭޝް މީހާގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން ޖެހޭ ވަކީލު ޝަރީއަތަށް އެއްބާރުލުން ނުދޭކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ މައްސަލަ ބެއްލެވި ގާޒީ ވަނީ ވަކީލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ބަންދު މަޖިލީހަށް ވަކީލު "އޯކޭ" ދެއްވުމަށްފަހު، ތަކުރާރުކޮށް ގުޅައި އަދި މެސެޖުވެސް ކުރުމުން ބަންދު މަޖިލީހުގައި ބައިވެރިވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެފަދަ ކަންކަން ތަކުރާރުވާނަމަ ވަކީލަށް ފިޔަވަޅު އެޅޭނެކަން އަންގާފައިވާ ކަމަށް ބަންދު އަމުރުގައި ގާޒީ ބަޔާން ކުރައްވާފައިވެ އެވެ.

ވަކީލަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޯޓުން ދީފައިވާއިރު، ގާނޫނީ ދާއިރާއާ އެންމެ ފަހުން ގުޅުނު ވަކީލުން ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ވަކީލުންނާ މުހާތަބު ކުރައްވާ ހައިކޯޓުގެ ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ ގާނޫނީ ވަކީލުންގެ ޒިންމާއަކީ ބޮޑު ޒިންމާއެއް ކަމަށާއި، ވަކީލަކު ކުރަންޖެހޭ ކަމެއް ނުކުރެވިއްޖެނަމަ ބައެއްގެ ހައްގުތަކެއް ގެއްލި އަދި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

"މީގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މުހިއްމު އެއް ދައުރު އަދާކުރާ ފަރާތަކީވެސް ވަކީލުން،" ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.