ސުޕްރީމް ކޯޓް

ސައްމާހުގެ މައްސަލަ ސުޕްރީމް ކޯޓުގެ އާ ބެންޗަކުން އަލުން ބަލަނީ

މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ، ދޭލިޔާގޭ، މޫސާ އަހްމަދު (19 އ) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހު އަހްމަދު ފަތުހީ ބަންދުކުރެވެން ނެތް ކަމަށް ހައިކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އާ ބެންޗަކުން ބަލަން ނިންމައި، މާދަމާ ހެނދުނަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މި މައްސަލަ މާދަމާ އަލުން ބަލާނީ ކުރިން އެ މައްސަލަ ބެލި ބެންޗަކުން ނޫނެވެ. މި މައްސަލަ މާދަމާ ބެލުމަށް އެކުލަވާލާފައިވާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ސުޕްރީމް ކޯޓުގައި ކުރިން މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވި ބެންޗަކުންނެވެ.

ސައްމާހް ބަންދުކުރަން ހައިކޯޓުން މިދިޔަ މެއި 29 ވަނަ ދުވަހު ދެވަނަ ފަހަރަށް ދެކޮޅު ހެދިއިރު، ސައްމާހު ބަންދު ނުކުރަން ހައިކޯޓުން އެންމެ ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ އެ މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރު އަލީ ރަޝީދު، މަހާޒް އަލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހީމްގެ ބެންޗުންނެވެ.

ސައްމާހުއާ ގުޅޭގޮތުން ހައިކޯޓުން ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް އެ ނިންމުން އަލުން މުރާޖައާކުރަން ހައިކޯޓަށް އެންގީ މިދިޔަ އޭޕްރީލް މަހު އެވެ. އެ ނިންމުމުގައި ސުޕްރީމް ކޯޓުން ހައިކޯޓަށް އަމުރުކޮށްފައިވަނީ އެ ކޯޓުން އެ މައްސަލައިގައި ރިއާޔަތް ކުރި ކަންކަމުގެ އަލީގައި ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރާ އެކު ސައްމާހް ބަންދުކޮށް، ބަންދާ މެދު އޭރު ނިންމި ނިންމުން އަލުން ބަލަން ހައިކޯޓަށް އެންގި މުއްދަތާ ގުޅޭ އަމުރާ ގުޅޭ ގޮތުންވެސް އެކިއެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެހެން އެކަން ވުމަށްފަހު ހައިކޯޓުން މިދިޔަ މެއި 29 ވަނަ ދުވަހު އަނެއްކާވެސް ނިންމީ ސައްމާހު ބަންދުކުރަން ނުފެންނަ ކަމަށެވެ. ހައިކޯޓުން މިގޮތަށް ދެވަނަ ފަހަރު އެކަމަކު ނިންމީ މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ސައްމާހް ބަންދު ކުރަން ނުފެންނަ ކަމަށް ކުރިން ރައުޔު ދެއްވި ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު، އެ ފަނޑިޔާރު ކުރިން ދެއްވި ރައުޔު ބަދަލުކުރައްވާ ސައްމާހް ބަންދުކުރަން ޖެހޭ ކަމަށް މިދިޔަ މެއި 29 ވަނަ ދުވަހު ނިންމަވާފަ އެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ފެނުނީ ކުރިއެކޭވެސް އެއްގޮތަށް ސައްމާހް ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސައިން އެވެ.

މޫސަގެ މަރުގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމް ކުރި އެވެ. މީގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.