ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ ގާތިލުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އުމުރުން 14 އަހަރުގެ ޝައްފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމްގެ މައްޗަށެވެ.
ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ނަބާހް އަދި އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަ ހަތަރު މީހުންގެ މައްޗަށް ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެކަމަކު އެމީހުންގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ފަހަނައަޅާ ދިޔަފަހުން، މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. އެހެންވެ އެ ކޯޓުން ނިންމީ މައްސަލަ ބަލައި ނުގަތުމަށެވެ.
އެ ނިންމުން އެމީހުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައިގަތުމަށް ހައިކޯޓަށް އަމުރުކޮށްފަ އެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުން މައްސަލައިގެ ލިޔުންތައް ފޯރުކޮށްދޭން ގިނަ ދުވަސް ނަގައިފައިވާތީ އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވަނީ އަލުން 10 ދުވަހުގެ ތެރޭގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށެވެ.
ދެހާސް އަށާރަވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޓޯ ގަރާޖް ކައިރިން ވަޅިން އެތައް ތަނަކަށް ހަމަލާދިނުމަށްފަހު ޝައްފާން މަރާލާފައިވަނީ އެދުވަސްވަރު މާލެ ތެރޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްގަ އެވެ. ޝައްފާން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.