ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
އުމުރުން 14 އަހަރުގެ ޝައްފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމްގެ މައްޗަށެވެ.
ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ނަބާހް އަދި އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި މައްސަލައިގެ މުހިންމު ހެއްކެއް ދޮގު ހެކިބަސް ދީފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ފޮރެންސިކް ތަހުލީލުތަކާއި ބައެއް ޝަފަހީ ހެކިންގެ ހެކިބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވި ކުށް ސާބިތުވާ ކަމަށެވެ.
ދެހާސް އަށާރަވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޓޯ ގަރާޖް ކައިރިން ވަޅިން އެތައް ތަނަކަށް ހަމަލާދިނުމަށްފަހު ޝައްފާން މަރާލައިފައި ވަނީ އެދުވަސްވަރު މާލެ ތެރޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއްގަ އެވެ. ޝައްފާން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ދައުލަތުން ދައުވާ ކުރަމުން ބުނެފައި ވަނީ ނިހާދުގެ އަތުގައި އޮތް ވަޅިން ޝައްފާންގެ ބޮލަށް އަދި ޖައިލަމް އަތުގައި އޮތް ވަޅިން ޝައްފާންގެ ބުރަކައްޓަށް ހަމަލާ ދީފައިވާ ކަމަށެވެ. ހަމަލާއަށްފަހު ޖައިލަމް އެތަނުން ފިލާފައި ވަނީ ނަބާހް ދުއްވަން އިން ސައިކަލެއްގެ ފަހަތުގައި ކަމަށާއި، ނިހާދު އެތަނުން ފިލާފައި ވަނީ އައިމަން ދުއްވަން އިން ސައިކަލުގައި ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައިގައި ހެކި ބަސް ދިން ވަރަށް މުހިންމު ހެއްކެއްގެ ހެކިބަސް ގަބޫލު ނުކުރުމަށް ޝަރީއަތުން ނިންމި އެވެ. އެ ސިއްރު ހެކިވެރިޔާގެ ހެކިބަހުން، އޭނާއަށް އެ ކުށުގެ އަމަލު ހިންގާ މަންޒަރު ފެނުނު ކަމަށް ހެކިބަސް ދިނެވެ. ނަމަވެސް އޭގެ ފަހުން ކޯޓަށް ސިޓީއެއް ފޮނުވައި، އެއީ ތިމަންނާ ޒާތީ ހަސަދަވެރިކަމެއްގައި ދިން ދޮގު ހެކިބަހެއް ކަމަށް ބުނެފައި ވެއެވެ. އަދި އަލުން ހެކިބަސް ދޭން ބޭނުންވާ ކަމަށް އެ ސިޓީގައި ވެއެވެ. ނަމަވެސް ޝަރީއަތުން އެ ފުރުސަތު ނުދީ، އެ ހެކިވެރިޔާގެ ހެކިބަސް ބަލައި ނުގަންނަން ނިންމި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު އިއްވި ހުކުމުގައި ވިދާޅުވެފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ އެހެން ސިއްރު ހެއްކަކަށް ހަމަލާ ދިނުމުގެ 10 ވަރަކަށް މިނެޓް ކުރިން ޝައްފާން ފެނިފައިވާ ކަމަށެވެ. އޭނާ ހުރީ ހެޔޮ ހާލުގައި ކަމަށެވެ. އަނެއް ހެކިވެރިޔާއަށް ޝައްފާންހެން ހީވާ ކުއްޖަކު ހަތަރު މީހަކާ ވާހަކަ ދައްކަން ހުއްޓައި އެރޭ ފެނުނު ކަމަށެވެ. އަދި އެވަގުތު އޭނާ އަކީ "މަސްއޮޑި މީހެއް ނޫނޭ" ޝައްފާން ބުނާ އަޑު އިވުނު ކަމަށް ވެސް ހެކިވެރިޔާ ވަނީ ބުނެފަ އެވެ.
އިތުރު ހެކިންގެ ހެކިބަހުން ހަތަރު މީހުން ސައިކަލެއްގައި ގޮސް ލޮނުޒިޔާރަތްމަގުގައި ހުންނަ ކެންގަރޫ ކިޑްސް ކައިރީ ހުރި ގެޔަކަށް ދުވެފައި ވަތް މަންޒަރު ފެނުނު ކަމަށެވެ. އެއް ދެމީހުން ވަނީ ސައިލަތު އެތަނަށް އެއްލައިލުމަށްފަހުގައި ކަމަށާއި އަނެއް ސައިކަލު އެތަނުގައި ޕާކުކުރީީ ކަމަށެވެ.
މި މައްސަލާގައި ހަދާފައިވާ ފޮރެންސިކް ތަހުލީލުތަކަށް ބަލާއިރު ހަތަރު މީހުން ދުއްވި ދެ ސައިކަލުން ވެސް ލޭ ފެނިފައިވެ އެވެ. އަދި އެމީހުން ވަތް ގޭގެ އެޕާޓްމެންޓްގެ ބަދިގޭގެ ކަބެޑްސެޓްގެ ތެރެއިން ފެނުނު ވަޅިން ނިހާދުގެ ޑީއެންއޭ ފެނުނު ކަމަށް ހުކުމްގައި ބުނެ އެވެ. އިތުރު ވަޅިއާއި މޫނު ނިވާކުރާ މާސްކު ވެސް އެގެއިން ފެނުނެވެ. ވަޅިތައް ހުރި ލޭ ފިލުވައި ދޮވެފަ އެވެ.
އެވަގުތު އެމީހުން ތިބި އެޕާޓްމެންޓަށް ވަތް ފުލުސް އޮފިސަރުގެ ހެކިބަހުން، އެމީހުން ތިބީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށާއި ތިބީ ދާހިއްލާފައި ކަމަށް ހެކިބަސް ދީފައިވެ އެވެ.
ގާޒީ ހުކުމް އިއްވަމުން ވިދާޅުވެފައި ވަނީ މި މައްސަލައިގެ ހެކިންގެ ހެކިބަހުންނާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު ކުއްޖާ މަރައިލުމުގައި ހަތަރު މީހުން ބައިވެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. ދޮގު ހެކިބަސް ދިން ހެއްކަކީ ގަސްދު މަރު ސާބިތުކުރުމަށް މުހިންމު ހެކިބަހެއް ނަމަވެސް، އެއީ ދޮގު ހެކިބަހެއް ކަމުން ޝައްކެއް ނެތް މިންވަރަށް ގަސްދުގައި މީހަކު މެރުމާއި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާ ކަމަށެވެ.
ގާޒީ ވިދާޅުވެފައި ވަނީ އުފުލާފައިވާ ދައުވާ ސާބިތު ނުވިނަމަވެސް ލިބިފައިވާ ހެކި ގަރީނާތަކަށް ބަލައި ދައުވާގެ ސިފަ ބަދަލުކުރެވޭނެކަން ގާނޫނުން އެނގެން އޮތް ކަމަށެވެ. އެހެންކަމުން އެމީހުންގެ މައްޗަށް ސާބިތުވަނީ "އެއްވެސް ސިފައެއްގައި މީހަކު މެރުމުގައި ބަރިވެރިވުމުގެ ކުށް" ކަމަށް ގާޒީ ވިދާޅުވި އެވެ.
ހަތަރު މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވި ނަމަ އަންނާނެ ހުކުމަކީ މަރަށް މަރު ހިފުމެވެ.
ކުށް ސާބިތުވުން އަދަބާ މެދު ވާހަކަ ދެއްކުމަށް ދައުލަތަށް ދިން ފުރުސަތުގައި އެ ކުށުގެ އަދަބަކީ 15 ދުވަހާއި 25 ދުވަހުގެ ޖަލު ހުކުމެއްކަން ފާހަގަކޮށް ވީހާވެސް ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ. އެގޮތުން 25 އަހަރަށް ޖަލަށް ލުމަށް އެދުނެވެ.
ދިފާއީ ވަކީލުން އެދުނީ ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ.
ސާބިތުވެފައިވާ ކުށަށް ހަތަރު މީހުން 25 އަހަރަށް ޖަލަށް ލުމަށް ގާޒީ ހުކުމް އިއްވި އެވެ. އަދި އެ ހައްޔަރުކުރުމަށްފަހު މިއަދާހަމައަށް ތިން އަހަރާއި މަސްދުވަސް ވަންދެން ހަތަރު މީހުން ބަންދުގައި ތިބުމުން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހާ 25 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
ހުކުމް އިއްވުމަށްފަހު މި މައްސަލައިގައި ކުށް ސާބިތުވި ހަތަރު މީހުންނަށް ފަހު ބަހެއްގެ ގޮތުގައި އެއްޗެއް ބުންނަ ފުރުސަތު ދިނެވެ. އޭގެ ތެރެއިން އެކަކު ގާޒީ އާ ކުރި ސުވާލަކީ އެމީހުންގެ މައްޗަށް ކުރި ދައުވާ ބަދަލުކުރީތޯ އެވެ. އެކަމާ ގުޅިގެން ވާހަކަ ނުދެއްކޭނެ ކަމަށާއި އަދަބާ ގުޅިގެން އެއްޗެއް ބުންނަ ބޭނުންތޯ ގާޒީ ސުވާލުކުރެއްވުމުން ބުނާނެ އެއްޗެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ދެރަވުމުގެ އެއްވެސް އިހުސާސެއް އޮތް ކަމަކަށް ޝަރީއަތަކަށް ގަބޫލެއް ނުކުރެވޭ. ޒުވާން ކުދިންތަކެއް އުމުރު ދުވަހު ޖަލުގަ ތިބެން ޖެހުމަކީ ހިތާމަކުރާކަމެއް. ބާކީ ހުރި ދުވަސްތަކުގައި ރަގަޅަށް އުޅެ ނަފްސު ތައުބާވުމަށް އެދެން،" މަޖިލިސް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވި އެވެ.