ކްރިމިނަލް ކޯޓް

ވަޅި ހިފައިގެން އާގިލް ފަހަތުން ހަމްދޫން ދުވި: ހެކި

ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަމްދޫން ހަމްޒަތު، އާގިލްގެ ފަހަތުން ވަޅިއެއް ކަހަލަ އެއްޗެއް ހިފައިގެން ދުވެފައިދާ މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފާހަގަކުރެވިފައިވާ ކަމަށް ހެކިވެރިޔަކު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. އެއީ ޑީއެންއޭ ރިޕޯޓާއި ވީޑިއޯ އެންޑް އިމޭންޖް އެނަލިސިސް ހެދި އޮފިސަރުގެ ހެކި ބަހެވެ.

އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާކުރަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމް އެވެ.

މި މައްސަލައިގައި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ވީޑިއޯ އަދި އިމޭންޖް އެނަލިސިސް ހެދި އޮފިސަރު ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވަނީ އެނަލައިޒް ކޮށްފައިވާ ރިޕޯޓުތަކުން އާންމު ސިފަތަކާއި، ހާއްސަ ސިފަތައް އަދި ލައިގެން ހުރި އަންނައުނަށް ބަލާއިރު ހަމްދޫންގެ ހަތް ސިފައެއް، ވިޝާމްގެ ހަތް ސިފައެއް އަދި މިޖްވާދާ އެއްގޮތް ތިން ސިފައެއް ހޯދުންތަކުގެ ނަތީޖާއިން ދައްކާ ކަމަށެވެ.

ސާފު ވީޑިއޯ ފުޓޭޖްތަކަކުން އެއީ ސީދާ ވަކި މީހެއްކަން ފަސް ސިފައެއް ހުރެގެެން ޔަގީން ކުރެވިދާނެ ކަމަށް ވެސް އޮފިސަރު ވަނީ ވިދާޅުވި އެވެ.

އާގިލް މަރާލި ރޭ ދައުވާ ލިބޭ ތިން މީހުން ހަރަކާތްތެރިވި 21 ވީޑިއޯއެއް އެނަލައިޒްކޮށްފައިވާނެ ކަމަށް އޮފިސަރު ވިދާޅުވި އެވެ. ހަމްދޫންގެ ދިފާއީ ވަކީލް އިބްރާހިމް ރާގިބް ވަނީ، ހަމްދޫނު އެރޭ ހަރަކާތްތެރިވީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.

އޮފިސަރު ވިދާޅުވީ ހަމްދޫން އެމްއެމްއޭ ސަރަހައްދަށް އައިސް ފޯނުން މީހަކާ މުއާމަލާތްކުރާ މަންޒަރު ފެންނަ ކަމަށެވެ. އާގިލް ފަހަތުން ވަޅިއެއް ކަހަލަ އެއްޗެއް ހިފައިގެން ދުވެފައިވާ ދާ މަންޒަރާއި އާގިލް ބިންމައްޗަށް ވެއްޓޭ މަންޒަރު ވެސް ފެންނަ ކަމަށެވެ.

ހަމްދޫން ދުވެފައި ގޮސް ދެ ނަންބަރު ފާލަން ކައިރީ އިން މީހެއްގެ ސައިކަލެއްގެ ފަހަތަށް އަރާ މަންޒަރު ވެސް ފެންނަ ކަމަށާއި ދުއްވަން އިނީ މިޖުވާދު ކަމަށެވެ. އެއަށްފަހު ވިލިނގިލީ ފެރީ ޓާމިނަލް އިން ޓިކެޓް ނަގައިގެން ފެރީއަކަށް އެރި ކަމަށާއި ބޮޑަށް ބެލެވެނީ އެރީ ވިލިނިގިއްޔަށްދާ ފެރީއަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މިޖުވާދާއި ވިޝާމްގެ ހަރަކާތްތަކާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވަކީލުން ސުވާލު ނުކުރައްވާތީ އެ ބައިތަކެއް ހެކިވެރިޔާ ކިޔައެއް ނުދެ އެވެ.

ކޯޓަށް މިއަދު ހަކިބަސް ދީފައިވާ ޑީއެންއޭ ތަހުލީލުކުރި އޮފިސަރު ވިދާޅުވީ އާގިލްގެ ދެ އަތުންނާއި އޭނާގެ ގަމީހުގައި ހުރި ލެޔާއި އަދި ކްރައިމް ސީން އިން ގެނެސްފައިވާ ސާމްޕަލްތަކަށް ބަލާއިރު އާގިލްގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. އަދި އާގިލްގެ ގަމީހުން ދެ މީހެއްގެ ޑީއެންއޭ ފެނުނު ކަމަށާއި އެކަކީ އާގިލް ކަމަށެވެ. މި ސާމްޕަލްތަކާ އަޅާ ކިޔަން ރިފަރެންސް ސާމްޕަލެއްގެ ގޮތުގައި ލިބުނީ އާގިލްގެ ސާމްޕަލް އެކަނި ކަމަށާއި އިތުރު މީހެއްގެ ސާމްޕަލްއާ އަޅާކިޔައިފައި ނުވާނެ ކަމަށް އޮފިސަރު ވިދާޅުވި އެވެ. އެހެންކަމުން އާގިލްގެ ގަމީހުން ފެނުނު ދެވަނަ މީހާގެ ޑީއެންއޭ އަކީ ކާކުގެ ޑީއެންއޭއެއް ކަމެއް ނޭނގެ އެވެ.

ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެކިންގެ ހެކިބަސް ނަގާނެ ކަމަށް ވިދާޅުވަމުން ގާޒީ އަލީ އާދަމް ވަނީ އަޑުއެހުން ނިންމައިލާފަ އެވެ.

އާގިލް މަރާލާފައިވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު އެމްއެމްއޭ ކައިރިންނެވެ. އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީ ތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.