އަހުމަދު އުދައްޔު

އުދައްޔުގެ މަރު: ބަންދު އަމުރު ދަމަހައްޓައިފި

May 11, 2021

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިއްބުމުގެ އަމުރު ދަމަހައްޓައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ މި މައްސަލައިގެ ބަންދު މުރާޖާ ކުރުމާއި އިބްތިދާއީ އަޑުއެހުމެކެވެ. ނަމަވެސް ބަންދު މުރާޖާ ކުރުމުގެ ބައި ދިގުލައިގެން ދިއުމުން އިބްތިދާއީ އަޑުއެހުން އެހެން ދުވަހަކަށް ވަނީ ފަސް ކޮށްފަ އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ވަނީ ހައްޔަރުކޮށް ދައުވާ ކޮށްފަ އެވެ.

އަށާރަ އަހަރުން މަތީގެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރައިލުމުގައި ބައިވެރިވި ކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވަނީ މި ތިން މީހުންގެ ތެރެއިން އަހުމަދު ޝަމީމާއި ޝަރަފް ރަޝީދުގެ ކުށުގެ ރިކޯޑު އޮންނަ ކަމަށް ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ ރިކޯޑު އޮތް ކަމަށް ބުންޏެވެ. އަދި ޝަރަފް ރަޝީދަކީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ބުންޏެވެ.

އެ ތިން މީހުންނަކީ ރަށުތެރޭގައި ބިރުވެރިކަން އުފައްދައި، މާރާމާރީ ހިންގުމާއި، ގޭންގު ހަދައިގެން ރަށުތެރޭގައި އުޅޭ ބައެއްކަމުން އެމީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއްކަމަށް ދައުލަތުން ފާހަގަކުރި އެވެ. އަދި އެ ރަށަކީ ކުޑަ ރަށެއް ކަމުން ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުގެ ވަކީލާ ވަނީ އެދިފަ އެވެ.

މީގެ ތެރެއިން މުހައްމަދު މާޒިންގެ ދިފާއީ ވަކީލް މުހައްމަދު ޝަހީދު ވިދާޅުވީ މާޒިން އަކީ ކުށުގެ ރިކޯޑު ނެތް މީހެއް ކަމަށާއި ރަށުތެރޭގައި ދެކެވޭ ވާހަކަތައް ޝަރީއަތުގައި ނުދެއްކޭނެ ކަމަށެވެ. އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.

ޝަމީމަށް ދިން ފުރުސަތުގައި ބުނީ އޭނާ އަކީ ހާދިސާ ހިނގި ތަނުގައި ހުރި މީހެއް ނޫން ކަމަށެވެ. އޭނާ އެވަގުތު ހުރީ އަންހެނުން ކައިރީ ކަމަށާއި އެކަން ސާބިތުކުރުމަށް ދެ ހެކިން ހުށަހެޅި ކަމަށް ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ކޯޓުން މައްސަލައާއި ގުޅިގެން ހުކުމެއް ކުރަންދެން ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބުމަށް އަމުރުކުރާ ކަމަށެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު ކަމަށް މާމެންދޫ ބައެއް މީހުން ބުނެ އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.