ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް އެދިއްޖެ އެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ އެ އަމުރާ ގުޅިގެން ގޮތެއް ނިންމުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ވަނީ ހައްޔަރުކޮށް ދައުވާ ކޮށްފަ އެވެ.
އަށާރަ އަހަރުން މަތީގެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވީ ނަމަވެސް ދިފާއަށް އެ ފޯމު ފޯރުކޮށްދީފައެއް ނުވެ އެވެ. އެހެންކަމުން ސިއްރު ހެކިންނާ ބެހޭ މައުލޫމާތުތައް އުނިކުރުމަށްފަހު އަންނަ އާދީއްތަ ދުވަހު އަލުން ފޯމު ހުށަހަޅަން ގާޒީ އަލީ ނަދީމް ވަނީ އެދިވަޑައިގެންފަ އެވެ.
ގާޒީ އިތުރަށް ވިދާޅުވެފައި ވަނީ މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އެ އަމުރު ނެރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ދައުވާ ލިބޭ ތިން މީހުންގެ ބަންދު މުރާޖައާ ނުކުރާތީ އެކަމާ މެދު ޝަކުވާކުރައްވާފަ އެވެ. ދައުލަތުން އެކަމަށް ރައްދު ދެމުން ބުނެފައި ވަނީ އެމީހުންނަކީ ހާއްސަ ގާނޫނެއްގެ ދަށުން ދައުވާ އުފުލާފައިވާ ބަޔަކަށްވާތީ ކޮންމެ 30 ދުވަހަކު ކޯޓަށް ފޯމުލައިގެން މުރާޖައާ ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. ދައުލަތުން ބުނެފައި ވަނީ އެގޮތަށް ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ނުކުރި ނަމަވެސް އިންޓާނަލް ރިވިއުތައް ކޮންމެ މަހަކު އެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވެފައިވަނީ ބަންދު މުރާޖައާ ކުރަންޖެހޭ ސަބަބެއް ދިފާއަށް ފެނިއްޖެނަމަ އެ ސަބަބާ އެކީ ފޯމު ހުށަހެޅުމުން ބަންދު މުރާޖައާ ކުރަން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ތިން މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ދައުލަތުގެ ހެކިތައް ހުށަހެޅުމަށްފަހު އެ މައްސަލަ އަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ކަނޑައެޅުމެވެ. އެއަށްފަހު މައްސަލަ ކުރިއަށްދާނެ ގޮތުގެ ޝެޑިއުލްއެއް އެކުލަވައިލާނެ ކަމަށް ގާޒީ ނަދީމް ވަނީ ވިދާޅުވެފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.
ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އޭނާއަށް ހަމަލާ ދިނުމަށްފަހު ދައުވާ އުފުލާފައިވާ މީހުން އުފާފާޅުކޮށްފައިވާ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ.