އަހުމަދު އުދައްޔު

އުދައްޔުގެ މަރު: ހެކި ރައްކާތެރިކޮށްދީފި

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ޝަރީއަތުން ރައްކާތެރިކޮށްދީފި އެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާތީ އެކަމާ ގުޅިގެން ގޮތެއް ނިންމުމަށާއި އަދި ދައުވާ ސާފުކޮށް ޖަވާބުދާރީވުމުގެ އަޑުއެހުމެކެވެ. އެކަމަކު ދިފާއަށް ބައެއް ލިޔުންތައް ނުލިބޭތީ މިއަދުގެ އަޑުއެހުމުގައި ދައުވާ ސާފުކޮށްދެވޭ ގޮތެއް ނުވި އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ވަނީ ހައްޔަރުކޮށް ދައުވާ ކޮށްފަ އެވެ.

އަށާރަ އަހަރުން މަތީގެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ރައްކާތެރިކުރުމަށް އެދުނު ހެކިންގެ ތެރޭގައި 25 ސިއްރު ހެއްކަކާއި ހާދިސާ ހިނގި ތަނުގެ ސީސީޓީވީ ފުޓޭޖްގެ އިތުރުން މައްސަލައިގައި ހިމެނޭ ރިޕޯޓުތަކެއް ހިމެނެ އެވެ. ދައުލަތުގެ ވަކީލާ ފަރަހަނާޒް މުހައްމަދު ވިދާޅުވީ ސިއްރު ހެކިންގެ މައުލޫމާތު ހާމަވެއްޖެނަމަ އެމީހުންނަށް ނުރައްކާ ވެދާނެ ކަމަށެވެ. ސީސީޓީވީ ފުޓޭޖްތަކަށް ވެސް ބައެއް ހެކިވެރިން އަރައިފައި ހުރުމާއެކު އެތަކެތި ވެސް ސިއްރުކޮށްދޭން އުދެނެވެ.

އެކަމަކު ދިފާއުގެ ވެސް އެދުމާއި އެކީ ސިއްރު ހެކިވެރިންގެ ވަނަވަރު އުނިކޮށް އަދި އެމީހުންނަކީ ކޮން ބައެއްކަން އެނގޭ މައުލޫމާތުތައް އެ ބަޔާންތަކުން އުނިކުރުމަށްފަހު ދިފާއަށް ހިއްސާކުރުމަށް ގާޒީ އަލީ ނަދީމް ނިންމެވި އެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް އެމީހުން އުނިކުރުމަށްފަހު ހިއްސާކުރުމަށް އެންގެވި އެވެ. ގާޒީ ވަނީ 15 ދުވަހުގެ ތެރޭގައި މި ތަކެތި ކޯޓަށް ހުށަހެޅުމަށް ދައުލަތަށް މުއްދަތު ދީފަ އެވެ.

މައްސަލައިގައި ދައުވާ ލިބޭ ޝަރަފް ރަޝީދުގެ ހާނިއާގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ ޝަރީއަތުގައި މަޖިލީހުގައި އެކަން ގާޒީގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ. ދިފާއީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ މި އޮޕަރޭޝަނަކީ މަރު ގުނަވަނަކާ ގުޅުންހުރި އޮޕަރޭޝަނަކަށް ވާތީ އާއިލާ ކައިރީ ހުރެގެން އެކަން ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް އެދޭ ކަމަށެވެ. އެކަމަކު ގާޒީ ވިދާޅުވީ އެކަންކަން ހަމަޖެއްސުމަށް ކަރެކްޝަނާއި އަދި ދައުލަތާއި ގުޅިގެން ކުރިއަށް ދިއުމަށެވެ. ޝަރީއަތުން އެކަމަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 15 ދުވަސް ފަހުންނެވެ. އެދުވަހު ދައުވާ އިއްވައި ޖަވާބުދާރީވުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އޭނާއަށް ހަމަލާ ދިނުމަށްފަހު ދައުވާ އުފުލާފައިވާ މީހުން އުފާފާޅުކޮށްފައިވާ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ.