ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ނަގަން ފަށައިފި އެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
ދައުވާ ލިބޭ މީހުން ދައުވާތަކަށް އިންކާރުކޮށްފައި ވާތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން މިއަދު ވަނީ ފަށައިފަ އެވެ. އެގޮތުން މިއަދު ވަނީ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގައިފަ އެވެ.
ފުރަތަމަ ހެކިވެރިޔާ، މުހައްމަދު ނައުޝާދަކީ ހާދިސާ ހިނގިއިރު މާމެންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖެވެ. އެރޭ ކަން ހިނގައި ދިޔަގޮތް އޭނާ މިއަދު ވަނީ ކިޔައިދީފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހުގެ ރޭ ބަޔަކު އެރަށު ގެސްޓް ހައުސްއެއް ކައިރީ މާރާމާރީ ހިންގާކަމަށް ފުރަތަމަ އާންމުންގެ މީހަކު އައިސް ބުނި ކަމަށް އޭނާ ބުންޏެވެ. އެ ހަބަރު ލިބުމުން ދެ ފުލުހަކު އެތަނަށް ފޮނުވި ކަމަށާއި ފަހުން އެމީހުން އައިސް އެތާ މާރާމާރީއެއް ނުހިނގާ ކަމަށާއި "ދަގަނޑޭމެން" ޒުވާބު ކުރީ ކަމަށް ބުންޏެވެ. "ދަގަނޑޭ" ކިޔަނީ ދައުވާ ލިބޭ ޝަމީމް އަށެވެ.
އޭގެ ފަހުން ހަމަ އެރޭ އުދައްޔު މަރުވި ސަރަހައްދުގައި މާރާމާރީ ހިންގައިގެން އުޅޭތީ އެ ސަރަހައްދަށް ދިޔައިރު އަނިޔާ ލިބުނު މީހުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ސިއްހީ މަރުކަޒަށް ދިޔައިރު އަނިޔާ އުދައްޔު އާއި އޭނާގެ ބޭބެ، ފިރުޝާން ޒާހިރު އޮތީ ދެ ވޯޑެއްގައި ކަމަށް ވެސް ބުންޏެވެ.
އުދައްޔު އޮތް އެނދު ކައިރީ މުށިތައް މަތީ ވަޅީގެ ތިލައެއް އޮތް ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެނައި އިރު އެ ތިލަ ބުރަކަށީގައި ހަރުލާފައި ހުރި ކަމަށް ސިއްހީ މަރުކަޒުގެ ސްޓާފުންނާ ހަވާލާދީ ނައުޝާދު ބުންޏެވެ. އެ ތިލަ އުދައްޔުގެ ބުރަކަށިން ނަގާފައި ވަނީ ޑޮކްޓަރެވެ.
ދެވަނަ ހެކިވެރިޔާ އަކީ ގއ. ވިލިނގިލީ ޕޮލިސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށް މާމެންދޫ އަށް ދިޔަ ޓީމުގައި ހިމެނޭ ފުލުހެކެވެ. ފުލުސް އޮފިސަރު އަހުމަދު ނަދީމް އަކީ ދައުވާ ލިބޭ ޝަރަފް އަދި މާޒިން ހައްޔަރު ކުރި އޮފިސަރެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަމީމް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭގެ ކައިރިން ފަތިހު ކަމަށެވެ. އޭނާ ހައްޔަރުކުރި އިރު ލައިގެން ހުރި ޓީޝާޓުގައި ލޭ ހޭކިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ޝަރަފް ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ރޭ ނޫން އަނެއް ދުވަހު މެންދުރު އެވެ. ޝަރަފް ދިރިއުޅޭ ގެއިން ހައްޔަރުކުރިއިރު އޭނާގެ ވާއަތްފަރާތު ކޯ ޒަހަމްވެފައިވާއިރު ވާއަތްފަރާތު އަރިކަށީގައި ވެސް ތޫނު އެއްޗަކުން ޒަހަމްވެފައިވާ ނިޝާނެއް އިން ކަމަށް ނަދީމް ވިދާޅުވި އެވެ.
މި ދެ ހެކިންގެ ހެކިބަސް ނަގައި ނިމުމުން މިއަދުގެ އަޑުއެހުން ވަނީ ނިންމައިލާފަ އެވެ. ދެން މި މައްސަލައިގައި ހެކިބަސް ނެގުމަށް އަޑުއެހުން ބާއްވާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށެވެ.
ދައުލަތުން ކުރިން ބުނެފައި ވަނީ އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރުގެ ބުރަކައްޓަށް އަނިޔާލިބިފައިވާއިރު އެއީ ވެސް ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ހަމަލާއަށްފަހު "ތިމަންނަމެންނަކީ ކިންގުން" ކަމަށް ބުނެ އެ ސަރަހައްދުގައި އެ މީހުން އުފާފާޅުކުރި ކަމަށް ވެސް މަންޒަރު ދުށް މީހުންނާ ހަވާލާދީ ދައުލަތުން ބުނެފައިވެ އެވެ.