ކްރިމިނަލް ކޯޓް

އުދައްޔުގެ މަރު: ދައުވާތަކަށް ތިން މީހުން އިންކާރުކޮށްފި

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުން ދައުވާތަކަށް އިންކާރު ކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާފުކޮށް ޖަވާބުދާރީ ވުމުގެ އަޑުއެހުމެކެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.

އަށާރަ އަހަރުން މަތީގެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން މިއަދު މީގެ ތެރެއިން ޝަމީމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ އުދައްޔުއާއެކު ހިންގި ގްރޫޕް މާރާމާރީގައި، އުދައްޔުގެ ބޮލާ ކަނދުރާއާ ދިމާލުގައި އޭނާ ގާބުރިއަކުން ޖަހާފައިވާ ކަމަށެވެ.

އުދައްޔު މަރައިލި މާރާމާރީގައި ތިން މީހުން ވެސް އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އުދައްޔުއަށް މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ހަމަލާދީފައި ވަނީ 3.7 އިންޗި ހުރި ތިލައަކުން ކަމަށް ދައުލަތުން ބުންޏެވެ. އަދި މި މާރާމާރީގައި ދެން ޒަހަމްވި ފިރުޝާން ޒާހިރުގެ ބުރަކައްޓަށް ވެސް ތޫނު އެއްޗަކުން ކުޑަކުއްޖާ ހަމަލާދިންއިރު، ދައުވާ ލިބޭ ތިން މީހުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ވިދާޅުވި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރުގެ އަދަބެކެވެ. މި ކުށް ކުރަން އުޅުނުކަން ސާބިތުވެއްޖެ ނަމަ އަންނާނީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ތިން މީހުން ވެސް ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ޝަމީމްގެ ފަރާތުން ދިފާއީ ހަ ހެކިން ހުށަހަޅާފައިވާއިރު މާޒިންގެ ފަރާތުން ވެސް ހަތް ހެއްކެއް ހުށަހެޅި އެވެ. މީގެ އިތުރުން ވެސް އިތުރު ހެކި ހުށަހަޅަން ބޭނުންވާތީ ގާޒީ އަލީ ނަދީމް ވަނީ ތިން މީހުންނަށް ވެސް ލިޔުމުން ދިފާއީ ހެކި ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

ދައުލަތުގެ ފަރާތުން މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުގެ ތަފްސީލެއް ނުދެ އެވެ.

މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމާމެދު ވެސް ގޮތެއް ނިންމައިފަ އެވެ. އެގޮތުން ގާޒީ ވިދާޅުވެފައި ވަނީ މަދަނީ މިންގަނޑުން ވަޒަންކުރާއިރު މި ދައުވާތަކާއިގެން ކުރިއަށް ދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ވާހަކަދެއްކުމެވެ. ހުށަހެޅުންތައް ހުށަހަޅަން ގާޒީ ވަނީ ދެފަރާތަށް ވެސް 15 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ހުށަހެޅުންތަކާމެދު ވާހަކަދެއްކުން އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ 1:00 ގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު އެވެ. އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އޭނާއަށް ހަމަލާ ދިނުމަށްފަހު ދައުވާ އުފުލާފައިވާ މީހުން އުފާފާޅުކޮށްފައިވާ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ.