ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ދެ މީހަކާ ގުޅޭ ހެކިބަސް ނަގާ ނިންމާލައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ އުދައްޔުގެ މަރާ ގުޅިގެން ދައުވާ ލިބޭ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިންގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމެވެ.
މާޒިން އާއި ޝަރަފްގެ ފަރާތުން ހެކިވެރިންގެ ގޮތުގައި ހުށަހެޅި ތިން ހެކިވެރިން ވަނީ އެ ދެ މީހުން މީހަކަށް ހަމަލާ ދެނިކޮށް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.
ހެކިބަސް ދެމުން އަހުމަދު ނަފްހާން ކިޔާ މީހަކު ބުނެފައިވަނީ އޭނާ އަކީ ހާދިސާ ހިނގި މަންޒަރު ވަރަށް ގާތުން ފެނުނު މީހެއް ކަމަށާއި ޝަރަފް އެ ވަގުތު އެތަނުން ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ ނަފްހާންގެ ހެކިބަހާއި އޭނާ ތަހުގީގަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. ނަފްހާން ތަހުގީގަށް ދިން ބަޔާނުގައި އޭނާއަށް ވެެގެން އުޅޭ ގޮތް އެނގުނީ ހާދިސާ ހިނގިފަހުން އެތަނަށް ދިއުމުން އެތަނުގައި ހުރި މީހަކު ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް ކަމަށް ބުނެ ނަފްހާން ތަހުގީގަށް ބަޔާން ދީފައިވާ ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.
ޝަމީމުގެ ދިފާއީ ހެކިންގެ ގޮތުގައި ކޯޓުގައި ހެކިބަސް ދިނީ އޭނާގެ ބައްޕަ އާއި ދައްތަ އެކެވެ. އުދައްޔުއަށް ހަމަލާދިން ވަގުތު ޝަހީމް ހުރީ ގޭގައި ކަމަށް ބައްޕަ އާއި ދައްތަގެ ހެކިބަހުގައި ބުނެފައިވެ އެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު މިއަދު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުންވެސް އޮންނާނެ ކަމަށެވެ.
އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖަކު 25 އަހަރަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ހުކުމްކޮށްފައިވެ އެވެ.
އުދައްޔު މަރުވީ ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށެވެ.
އުދައްޔުގެ މަރާ ގުޅިގެން ދައުވާ ލިބޭ އެންމެންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.