އަހުމަދު އުދައްޔު

އުދައްޔުގެ މަރު: މިމަހު ހެކިބަސް ނަގާ ނިންމާލަނީ

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު މަރާލި މައްސަލައިގައި މިމަހުގެ ނިޔަލަށް ހެކިބަސް ނަގައި ނިންމައިލުމަށް އަޑުއެހުންތައް ތާވަލުކޮށްފި އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގައި އިބްތިދާއީ މަރުހަލާ ނިންމާލާފަ އެވެ. އެގޮތުން ދައުލަތާއި ދައުވާ ލިބޭ ފަރާތްތަކުން މީގެ ކުރިން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ވަނީ ގޮތް ކަނޑައަޅައިފަ އެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ 25 ހެކިވެރިންގެ ހެކިބަސް ސިއްރުކޮށްގެން ނެގުމަށް ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފަ އެވެ. އެއީ އެމީހުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދައުވާ ލިބޭ މީހުންގެ އެއް ހާޒިރެއްގައި ހެކިބަސް ނަގައިފިނަމަ އެމީހުންނަށް ޖިސްމާނީ އަދި އިގްތިސޯދީ ގެއްލުމެއް ލިބިދާނެތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ދައުވާ ލިބޭ ޝަމީމްގެ ފަރާތުން ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ސާބިތުކުރުމަށް ހުށަހަޅާފައިވާ ދިފާއީ ހެކިން ބަލައި ނުގަތުމަށް ދައުލަތުން އެދިފައިވެ އެވެ. އެ ހުށަހެޅުން ވެސް ނިންމާފައިވަނީ ދައުލަތާ އެއްކޮޅަށެވެ.

ގާޒީ ވިދާޅުވީ ހާދިސާ ނެތްތަނުގެ ދިފާއު ނަގާނަމަ ކުރިޔާލައި ދިފާއީ ހެކިން ހާމަކުރުމަށް ޖިނާއީ އިޖުރާއަތު ގާނޫނުގައި ވާތީ އެހެކިން ބަލައި ނުގަނެވޭނެ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މާޒިން އަދި ޝަމީމްގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހެކިންނަކީ އެ ސަބަބުތަކަށްޓަކައި އަދުލުވެރި ނޫން މީހުންނާއި، މާރާމާރީގައި ބައިވެރިވެފައިވާ މީހުންނާއި އާއިލީ ގުޅުން އޮންނަ މީހުންނަށް ވެދާނެތީ އެފަދަ ބަޔަކު ދައުލަތުގެ ހެކިންގެ ތެރޭގައި ވޭތޯ ބަލައިދިނުމަށް ވަނީ އެދިފަ އެވެ.

އެކަމަކު ގާޒީ ވިދާޅުވެފައި ވަނީ އެމީހުންގެ ދެކޮޅުވެރިކަމެއް އޮތްކަން ހެކިބަސް ނަގާއިރު ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ހެއްކާ ބެހޭ ގޮތުން ވާހަކަދައްކައި ހެއްކަށް ދެވޭނެ ބުރަދަނާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދިފާއަށް ލިބޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ރަގަޅު ގާނޫނުގެ ދަށުން ރަގަޅު މުއްދަތުގައި ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތް ފެށުމެވެ. ޝަރީއަތް ފަށާ އަޑުއެހުން ތާވާލުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހަށެވެ. މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ހުރިހާ ދުވަހެއްގައި ހެކިބަސް ނެގުމަށް ވަނީ އަޑުއެހުންތައް ތާވަލުކޮށްފަ އެވެ. ގާޒީ ވިދާޅުވީ ކޮންމެ ދުވަހެއްގެ 3:00 ގައި ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގެ ރޭ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ތެރެއިން މަރާމާރީ ހިންގުމަށްފަހު އެވެ.

އުދައްޔު އަށް ހަމަލާ ދިން ރޭ އޭނާއަށް ލިބުނު ބޮޑެތި ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. ނަމަވެސް އޭރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އޭނާއަށް ހަމަލާ ދިނުމަށްފަހު ދައުވާ އުފުލާފައިވާ މީހުން އުފާފާޅުކޮށްފައިވާ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ކުޑަކުއްޖެއްގެ މައްޗަށެވެ. އެ ކުއްޖާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ.