ކްރިމިނަލް ކޯޓް

އުދައްޔުގެ މަރު: ދެފަރާތުން ވެސް އެދުނީ ހެކިތަކެއް ބަލައިނުގަންނަން

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައި ނުގަތުމަށް ދިފާއުން އެދިއްޖެ އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށެވެ. އެގޮތުން ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ޝަމީމް އަދި މާޒިންގެ ފަރާތުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

މާޒީން އަދި ޝަމީމްގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. އެގޮތުން މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވާތީ މިއީ ކުރެވޭނެ ދައުވާތަކެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.

އަދި މި މައްސަލައިގައި ހިންގި މާރާމާރީގައި ދެން އަނިޔާ ލިބުނު ފިރުޝާން ޒާހިރާއި އެކު ދައުލަތުގެ 25 ހެއްކެއްގެ ހެކިބަސް ބަލައިނުގަތުމަށް ވަނީ އެދިފަ އެވެ.

ދިފާއީ ވަކީލް މުހައްމަދު ޝަހީދު ވިދާޅުވެފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ފާސިގުންނާއި އަދާވާތްތެރިން އަދި އާއިލީ މީހުންނާއި ގާތް މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ ބަޔަކު މި ހެކިންގެ ތެރޭގައި ތިބިތޯ ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި މާރާމާރީ ހިންގާފައިވާތީ ހަމައެކަނި އުދައްޔު މަރުވި ހާދިސާއާ ގުޅުންހުރި ހެކިތައް އެކަނި ބަލައިގަތުމަށް ވެސް އެދިވަޑައިގަތެވެ. މީގެ އިތުރުން ފިރުޝާންއަކީ މާރާމާރީގައި ބައިވެރިވެފައިވާ މީހެއްކަމުން އޭނާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މަރުގެ އަދަބު ކަނޑައެޅިގެންވާ މައްސަލަތަކުގައި އިސްލާމީ ޝަރީއާގައި ބަލާނީ މަރުވެފައިވާ މީހާގެ ހައްގަށްވުރެ ބޮޑީ މުއްތަހަމުގެ ހައްގަގު ކަމަށާއި، އޭނާއާ ދެކޮޅަށް ދެވޭ ހެކިވެރިންގެ އަދުލުވެރިކަން ވަޒަން ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދިފާއުގެ ހުށަހެޅުންތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ވިދާޅުވެފައި ވަނީ މި މައްސަލައިގައި ހެކިވެރިންގެ ގޮތުގައި ތިބީ އެ ހާދިސާއާ ގުޅޭ ގޮތުން ކޮންމެވެސް ވަރެއްގެ ހަގީގަތްތަކެއް އެނގޭ މީހުން ކަމަށެވެ. އޭގެ ތެރޭގައި ދައުވާ ލިބޭ މީހުން ރަހުމަތްތެރިން ވެސް ހިމެނޭ ކަމަށާއި އެކަމަކު އެމީހުން ހެކިބަސް ދީފައި ވަނީ އަދާވާތްތެރިންގެ ގޮތުގައި ނޫން ކަމަށް އެމީހުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި ހެކިންގެ ގޮތުގައި ހަމައެކަނި ބަލައިގަންނަން ޖެހޭނީ ހާދިސާ ހިނގި މަންޒަރު ލޮލުން ދުށް މީހުން އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހަރަނާޒް އިތުރަށް ވިދާޅުވީ ހެކިވެރިންނާއި ދައުވާ ލިބޭ މީހުންނާއި ދެކޮޅުވެރިކަމެއް ނުވަތަ އަދާވާތްތެރިކަމެއް އޮވެއްޖެނަމަ އެކަން ދިފާއުން ކޯޓަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުން އެދުނީ ޝަމީމްގެ ދިފާއީ ހެކިތަކެއް ބަލައި ނުގަންނަން

މި މައްސަލައިގައި ދައުލަތުން ހުށަހެޅި އެއް ހުށަހެޅުމަކީ ދައުވާ ލިބޭ ޝަމީމްގެ ފަރާތުން ހުށަހަޅާފައިވާ 10 ދިފާއީ ހެކިންގެ ތެރެއިން ހަތް ހެކިވެރިން ބަލައިނުގަތުމަށެވެ. ޝަމީމް ހެކިން ހުށަހަޅާފައި ވަނީ ހާދިސާ ހިނގި ތަނުގައި އޭނާ ނެތްކަން ސާބިތުކޮށްދިނުމަށެވެ. ދައުލަތުގެ ވަކީލް ފަރަހަނާޒް ވިދާޅުވެފައި ވަނީ އެ ހެކިންގެ ވާހަކަ ތަހުގީގު މަރުހަލާގައި ޝަމީމް ދައްކާފައި ނުވާ ކަމަށެވެ.

ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނަގާނަމަ އެކަން ކުރިން އަންގައި އެކަށީގެންވާ ސަބަބު ވެސް ދައްކަން ޖެހޭނެ ކަމަށް ފަހަރަނާޒް ވިދާޅުވި އެވެ.

ދައުލަތުން ދެން ހުށަހަޅާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ 25 ހެއްކެއް ސިއްރު ކޮށްދިނުމަށެވެ. އެއީ އެމީހުންގެ މައުލޫމާތު ހާމަވެއްޖެނަމަ އެމީހުންނަށް ޖިސްމާނީ އަނިޔާއެއް ފޯރައި ގެއްލުމެއް ލިބިދާނެތީ އެވެ. ވަކީލް އެދިވަޑައިގަތީ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށް އެ ހެކިތައް ސިއްރުކޮށްދިނުމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ޝަރަފް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ. މި ހުށަހެޅުންތަކަށް ގޮތް ނިންމުން އޮންނާނީ އަނަން މަހުގެ ދެ ވަނަ ދުވަހު ކަމަށް ގާޒީ އަލީ ނަޒީމް ވަނީ ވިދާޅުވެފަ އެވެ.

ޝަރަފްގެ ހާނިއާގެ އޮޕަރޭޝަން އަންނަ ހަފްތާ

މި މައްސަލައިގައި ދައުވާ ލިބޭ ޝަރަފްގެ ހާނިޔާގެ އޮޕަރޭޝަނެއް އަންނަ ހަފްތާ ކުރާނެ ކަމަށް ދިފާއުން މިއަދު ވަނީ ބުނެފަ އެވެ. ދިފާއީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ އަންނަ ހޯމަދުވަހު އޮޕަރޭޝަން ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

އޮޕަރޭޝަނަށްފަހު ބަލިން ފަސޭހަ ވަންދެން ބޮޑެތި ޝަރުތުތަކެއް ކޮށްފައި ނަމަވެސް އޭނާގެ އާއިލާ ކައިރިއަށް ގެޔަށް ދޫކޮށްދެއްވުމަށް ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން ބޮޑު އޮޕަރޭޝަނަކަށްފަހު ޖަލަކީ ރެސްޓް ކުރަން އެންމެ އެކަށޭނަ ތަން ނޫން ކަމަށް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ބަންދުގައި ތިބޭ މީހުންގެ މިފަދަ އޮޕަރޭޝަންތައް ކުރާއިރު އާއިލާއަށް ނާންގައި އެކަން ކުރާކަމަށް ނިޝާން ވިދާޅުވި އެވެ. އެހެންކަމުން ޝަރަފްގެ އޮޕަރޭޝަން ކުރެވޭކަން އާއިލާއަށް އަންގައި އެކަން ކުރެވޭނީ އާއިލާގެ ބެލުމުގެ ދަށުން ކަމަށް އަންގައި ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ނިޝާން އެދިވަޑައިގަތެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ވެސް މީގެ ކުރިން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.