ކްރިމިނަލް ކޯޓް

އުދައްޔު މަރުވީ މައި ލޭ ހޮޅި ކަފައިގެން ދިޔުމުން: ހެކި

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރުވީ ހަށިގަނޑުން ލޭ ފޯރުކޮށްދޭ މައި ލޭ ހޮޅި ކަޑައިގެން ދިޔުމުގެ ސަބަބުން ކަމަށް ހެކިވެރިޔަކު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގައި ހެކިބަސް ނަގާފައިވަނީ އުދައްޔުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެންނެވެ.

އުދައްޔު މަރުވިއިރު އޭނާގެ ހަށިގަނޑަށް އެންމެ ބޮޑު އަނިޔާއެއް ލިބިފައި ވަނީ ބުރަކައްޓަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަޅީގެ ތިލަ ބުރަކައްޓަށް ހެރިފައި ހުއްޓެވެ.

ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ހެކިބަސް ދިން ޑޮކްޓަރު ބުނި ގޮތުގައި ބުރަކައްޓަށް ތޫނު އެއްޗަކުން އަނިޔާ ލިބި ހަށިގަނޑަށް ލޭ ފޯރުކޮށްދޭ މައި ލޭ ހޮޅި އެއް ސެންޓިމީޓަރަށް ކަޑައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ ސަބަބުން ފުއްޕާމެއަށް 1345 އެމްއެލްގެ ލޭ އެޅި ފުއްޕާމޭ ފިތިފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ. މިއީ ވަރަށް ގެއްލުން ހުރި ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ބޮލުގައި ތޫނު ނޫން އެއްޗަކުން ޖެހުމުގެ ސަބަބުން ބޮލަށް ގެއްލުންވެފައިވެ އެވެ. އޭނާ ބުނި ގޮތުގައި އެ އަނިޔާގެ ސަބަބުން ކަންފަތާ ދިމާލުން ބޮލުގެ ވައަތް ފަޅީގެ އަރިމަތީ އިންނަ މަސްގަނޑަށް ލޭ ޖަމާވެ ލޭ ގަނޑުވެފައިވެ އެވެ.

ދައުލަތުން މީގެ ކުރިން ފާހަގަކުރި ގޮތުގައި އުދައްޔުއަށް ލަޓިބުރިންނާއި ވަޅި ފަދަ އެއްޗެހިން މާރާމާރީ ހިންގައި ހަމަލާ ދީފައިވެ އެވެ.

މިއަދުގެ އަޑުއެހުމަށް ހާޒިރުކުރެވުނީ އެންމެ ހެކިވެރިއެކެވެ. ދައުލަތުން މިއަދު ގަސްދުކުރީ މައްސަލައިގެ މުހިއްމު ރިޕޯޓުތައް ތައްޔާރުކޮށްފައިވާ ޑޮކްޓަރުންގެ ހެކިބަސް ނެގުމަށެވެ. އެކަމަކު އޭގެ ތެރެއިން ދެ ޑޮކްޓަރުން މިވަގުތު ރާއްޖެއިން ބޭރުގައި އުޅޭތީ އެމީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގައި ދެން ހެކިބަސް ނެގުން އޮންނާނީ އަންނަ އޮގަސްޓް މަސް ތެރޭގަ އެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.