ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ތަފްސީލީ ގޮތެއްގައި އިފްތިތާހީ ބަޔާން އިއްވަމުން ދައުލަތުން ކިޔައިދީފި އެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
ޝަރީއަތް ފެށުމުގެ ގޮތުން އިބްތިދާއީ ބަޔާން އިއްވަމުން ދައުލަތުން ބުނެފައިވަނީ އުދައްޔު މަރާލައި އޭނާގެ ބޭބެއަށް ބޮޑެތި އަނިޔާ ދިން މި ހާދިސާ ހިނގުމުގެ ކުރިން އުދައްޔު އާއި ދިމާކޮށްލައިގެން އުޅުނު ކަމަށެވެ. އެގޮތުން އެރޭ އެންމެ ފުރަތަމަ ދައުވާ ލިބޭ ޝަމީމް އަދި ކުޑަކުއްޖާ އެރަށު އުތުރުފަރާތު ހަޓު ކައިރީގައި އުދައްޔު ހުއްޓައި ގޮސް ހަޑިހުތުރު އެއްޗެތި ކިޔައި ހަމަނުޖެހުން ހިންގި ކަމަށެވެ. އަދި އެރަށު ގެސްޓްހައުސްއެއް ކައިރިން އުދައްޔު ދަނިކޮށް ދައުވާ ލިބޭ ޝަމީމް، މާޒިން އަދި ކުޑަކުއްޖާ އޭނާއާއި ދިމާކޮށްލައި ހަމަނުޖެހުން ހިންގި ތަން ލޮލަށް ފެނުނު ހެކިން އެބަތިބި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އޭގެ ފަހުން ހާދިސާ ހިނގި ތަނަށް ގޮސް ހަމަނުޖެހުން ހިންގައި އުދައްޔުއާ މެދު މާރާމާރީ ހިންގި ކަމަށް ދައުލަތުން ބުންޏެވެ. އުދައްޔުގެ ބުރަކައްޓަށް ހަމަލާ ދިނީ މައްސަލައިގައި ދައުވާ ލިބޭ ކުޑަކުއްޖާ އެވެ. އެމީހުން އުދައްޔުއަށް ހަމަލާ ދިނުމަށް ވަޅި، ލަޓިބުރި، ގާ އަދި ކީސްފަދަ އެއްޗެތި ބޭނުންކުރި ކަމަށް މަންޒަރު ދުށް މީހުން ބަޔާން ދީފައިވާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
ހަމަލާ ދިނުމަށްފަހު "ތިމަންނަމެންނަނީ ކިންގުން" ކަމަށް ބުނެ މި މީހުން ޝުއޫރު ފާޅުކޮށްފައިވާ ކަމަށްވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
އުދައްޔުއަށް ހަމަލާދެމުން ދަނިކޮށް އެކަމުން އޭނާ ސަލާމަތްކުރުމަށް އުދައްޔުގެ ބޭބެ، ފިރުޝާން ދިޔުމުން އޭނާއަށްވެސް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. މި ހާދިސާގައި ފިރުޝާން މަރުނުވި ނަމަވެސް ހަމަލާދީފައިވަނީ ބުރަކައްޓަށް ކަމަށާއި އެއީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
އެރަށު ހޮސްޕިޓަލަށް ގެންދިޔައިރު ދެ މީހުންގެ ހާލު ވެސް ދެރަ އެވެ. އިތުރު ފަރުވާއަށް ދެން ގެންދިޔައީ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އުދައްޔު އޮތީ މަރުވެފަ އެވެ. ފިރުޝާނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ގދ، ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ދައުވާ ލިބޭ މީހުން ބުނީ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް
އިބްތިދާއީ ބަޔާން އިއްވަމުން ދައުވާ ލިބޭ ތިން މީހުން ވެސް ބުނެފައިވަނީ މި މައްސަލައިގައި އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުކުރެވޭނެ ކަމަށެވެ.
އެގޮތުން ޝަމީމްގެ ފަރާތުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ އޭނާގެ ގެ ކައިރީގައި ކަމަށާއި އެހެންކަމުން ކުށުގެ ވެށިން އޭނާއަށް ރެކެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އޭނާ އެތަނުގައި ހުއްޓާ ފެނުނު ނަމަވެސް އޭނާ ހިންގީ ކޮން ކުށުގެ އަމަލެއްތޯ އަދި ހިންގީ ކޮން ހަމަނުޖެހުމެއްތޯ މަންޒަރު ދުށް މީހުން ބަޔާން ދެމުން ކިޔައިދީފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ރަށުގެ އެކި ތަންތަނުގައި ހިންގާފައިވާ މާރާމާރީތަކާއި މި ހާދިސާ އާއި ގުޅުވައި ނުލެވޭނެ ކަމަށްވެސް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
ދައުވާ ލިބޭ މާޒިންގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަކުއްޖާ އަކީ އޭނާގެ ކޮއްކޮ ކަމަށެވެ. އެހެންކަމުން ކޮއްކޮއާ މެދު ބަޔަކު މާރާމާރީ ހިންގާ ތަން ބަލަން އޭނާއަށް ނުހުރެވޭނެ ކަމަށާއި އެތަނަށް ދިޔައީ އެމީހުން ދުރުކުރުވަން ކަމަށެވެ. އެތަން މަންޒަރު ދުށް މީހުންނަށް ފެނުނު ގޮތް ތަފާތު ވެދާނެ ކަމަށާއި، ޝަރީއަތުން ބަލަން ޖެހޭނީ ހެކިންނަށް ތިބި މީހުންގެ އަދާވާތްތެރިކަމެއް އޮތްތޯ ކަމަށް އޭނާގެ ފަރާތުން ދިފާއީ ވަކީލް މުހައްމަދު ޝަހީދު ފާހަގަކުރައްވާފައިވެ އެވެ. އަދި މިހާދިސާ ހިނގީ އޭނާ ދިރިއުޅޭ ގޭ ދޮށުގައި ކަމުން އެތަނުން އޭނާއަށް ވެސް ރެކެގަނެގެން ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މާޒިންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަހުން އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އިބްތިދާއީ ބަޔާން އިއްވަމުން ޝަރަފްގެ ދިފާއީ ވަކީލް އަހުމަދު ނިޝާން އިބްރާހީމް ވިދާޅުވެފައިވަނީ ދައުވާކޮށްފައިވާ ގާނޫނީ މާއްދާއަށް ބަލާއިރު މިއީ ޝަރަފްގެ މައްޗަށް ކުރެވޭނެ ދައުވާއެއް ވެސް ނޫން ކަމަށެވެ، އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރުވެސް އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމަށާއި އޭނާއަކީ މައުސޫމު މީހެއް ކަމަށް މި މައްސަލައިގައި ހިމެނޭ އެންމެހާ ލިޔެކިޔުންތަކުން ސާބިތުވާނެ ކަމަށެވެ.
މި މައްސަލައިގައި ގާޒީ އަލީ ނަދީމް ކުރިން ތާވަލުކޮށްފައިވަނީ މާދަމާ އިން ފެށިގެން މިމަހުގެ ކޮންމެ ދުވަހަކު ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކުރުމަށެވެ. އެކަމަކު ދީފައިވާ ތާރީހަށް ދައުލަތުން ހެކިންގެ ލިސްޓު ކޯޓާއި ހިއްސާކޮށްފައި ނުވާތީ ހެކިބަސް ނެގުން ވަނީ ފަސްކޮށްފަ އެވެ. އެގޮތުން މާދަމާ ދެ ފުލުހެއްގެ ހެކިބަސް ނެގުމަށްފަހު ދެން ހެކިބަސް ނަގާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުންތައް ވަނީ ކެންސަލްކޮށްފަ އެވެ.