ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި ރޭ ވަނީ 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލާފަ އެވެ؛ ގއ. މާމެންދޫގައި ރޭ 11:00 ޖެހި އިރު ޒަހަމް ކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލީ އަހުމަދު އުދައްޔު އެވެ. ވަޅި އާއި މީހަކު މަރާލެވިދާނެ ފަދަ އެހެން ހަތިޔާރު ބޭނުން ކޮށްގެން އުދައްޔުގެ ހަށިގަނޑަށް ގިނަ ހަމަލާތަކެއް ދީފައި ވެއެވެ. އަދި ހަމަލާތަކުގެ ތެރެއަށް ވަދެވުނު އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު ވެސް ވަނީ ޒަހަމް ކޮށްލާފަ އެވެ. އޭނާއަށް ވެސް ހަމަލާ ދީފައި ވަނީ ވަޅީންނެވެ. -- ކޮއްކޮ މަރުވެފައިވާއިރު ބޭބެގެ ހާލު ދެރަ އެވެ.
މާމެންދޫ މަރާއި މާރާމާރީއާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓުން ވަނީ ތަހުގީގެއް ފަށައި ތިން މީހަކު ހައްުޔަރު ކޮށްފަ އެވެ. އަދި ފުލުހުންގެ ހާއްސަ ޓީމެއް މާމެންދޫއަށް ވަނީ ދަތުރު ފަށާފަ އެވެ. މި ހާދިސާގެ ހަރުދަނާ ތަފުސީލްތަކެއް އައުމަށް އަދި ވަގުތުކޮޅެއް ނަގާނެ އެވެ.
އެކަމަކު މިހާރު ވެސް މާމެންދޫގައި ކުއްލިއަކަށް މިވަރުގެ ބޮޑު މާރާމާރީއެއް އައިީ ކީއްވެގެންތޯ ސުވާލު އެބަ ކުރެވެ އެވެ. އެ ރަށުގައި ކުއްލިއަކަށް ކުޑަ ފިރިހެން ކުއްޖަކު ތަޅައި މަރާލީ ކީއްވެގެން ހެއްޔެވެ؟ މާމެންދޫގެ ދެ ގްރޫޕެއްގެ މެދުގައި ހީޓް އުފެދެން ދިމާވީ ކީއްވެގެން ހެއްޔެވެ؟
މާރާމާރީ ފެށުނީ ލޯބީގެ މައްސަލައަކުން
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މާމެންދޫގެ އެ ދެ ގްރޫޕްގެ މެދުގައި އޮތް އަރައިރުމާއި ނަފުރަތު ހޫނުވެ މާރާމާރީތަކަށް ބަދަލުވަމުން އައީ ކުއްލިއަކަށް ރޭގައެއް ނޫނެވެ. މީގެ އަހަރެއްހާ ދުވަސް ކުރީން މި މާރާމާރީތައް އެ ރަށުގައި އޮތީ ފެށިފަ އެވެ. އަދި އެއީ އަންހެނަކާ ގުޅޭ ލޯބީގެ މައްސަލައަކުން އުފަންވެފައިވާ މާރާމާރީ އެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ރަށުގެ ދެ އަންހެން ކުއްޖެއްގެ ލޯބި މި މާރާމާރީއާ ގުޅެ އެވެ.
"މި ރަށުގައި މި މައްސަލަ އުފެދިއްޖެ، މިދިއަ 2020 ވަނަ އަހަރުގެ ކުރީ ކޮޅުގައި، އަޅުގަނޑު ހަނދާން ވަނީ ފެބުރުއަރީގައި ކަމަށް، މުޅި މި މައްސަލައިގެ ވަށައިގެން ވަނީ އަންހެން ކުއްޖަކާ ގުޅޭ ކަންކަން، މިއީ ލޯބީގެ މައްސަލައަކުން އައި މަރެއް!" ނަން ނުޖެހުމަށް އަދި މާމެންދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ލޯބީގެ މި މައްސަލައިގެ ތެރެއިން ކުއްޖަކު މަރާލުމާ ހަމައަށް ދިޔައީ ރޭ މާމެންދޫގައި އައި ދެވަނަ މާރާމާރީއެއްގެ ތެރެއިންނެވެ. އުދައްުޔު މަރާލީ އޭގެ ތެރެއިން ފަހު މާރާމާރީގައި ދިން ރަހުމް ކުޑަ އެތައް ހަމަލާތަކެއްގެ ޒަހަމްތަަކާއެކު އެވެ. އުދައްޔަށް ހަމަލާ ދީފައި ވަނީ ހަ މީހަކު ވެގެނެވެ. އެ ހަމީހުން ވަޅި އާއި ގަނޑު ހޮޅި އާއި ތޫނު ގަނޑުތައް ހިފައިގެން އުދައްޔާ ކުރިމަތިލީ ތިން ސައިކަލެއްގައި ގޮހެވެ.
އެ ރަށު މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން އުޅޭ އެ ރަށުގައި 2020 ގެ ކުރީކޮޅުން ފެށިގެން އައީ ހަމަނުޖެހުންތަކެއް އުފެދުމުން އެކަން ބޮޑުވަމުންނެވެ. އަންހެން ކުއްޖަކާ ގުޅޭ އެ ނަފުރަތުގައި ދޭތެރެ ދޭތެރެއިން ކަނި ކަނޑައިގެން ދިއުމަށް އޮބިފަައި އޮންނަނީ އެވެ. އެކަމަކު ރޭ ވަރުގަދަ ހަމަލާއަކަށް ބަދަލުވެ އުދައްޔު މަރާލާ ހިސާބަށް ދިޔައީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި މައްސަލަ އުފެދޭ، އެ ރަށުގެ ދެވަނަ "ގޭންގަ" ަށް ނިސްބަތްވާ މީހަކަށް އުދައްޔު ހަމާލާއެއް ދީ ޖެހި ކަމަށް ތުހުމަކޮށެވެ. އަދި އެކަމާ ގުޅިގެން އެ ގްރޫޕްން ދިޔައީ އިރާކޮޅުން ފެށިގެން އުދައްޔު އަތުޖެހޭތޯ ހޯދަމުންނެވެ. އެންމެން ކުރިމައްޗަށް ފެންނަ ގޮތަށް ހަތިޔާރުތަކެއް ހިފައިގެނެވެ.
"މީހުން ބުނާ ގޮތުން އެމީހުން އުދައްޔު ފެނުނީ އުދައްޔުގެ ގޭގެ ކައިރީ އެކަނި، އޭރު އެ މީހުން ތިބީ މަސްތުވެސް ވެގެން... އެ މީހުންނަށް އުދައްޔު ފެނުމާއެކު ގޮސް އަރައިގަނެ ހަމަލާ ދީ ޒަހަމްކޮށްލީ،" މާމެންދޫން ވާހަކަ ކިޔައިދޭ އެހެން މީހަކު ބުންޏެވެ.
އޭނާ ބުނާ ގޮތުގައި ވަޅި ހިފައިގެން ދިޔަ ނަމަވެސް އުދައްޔަށް ފުރަތަމަ ހަމަލާތައް ދިނީ ދަގަނޑުގަނޑަކާއި ދަގަނޑު ހޮޅިއަކުން އޭނާގެ ބޮލަށެވެ. އަދި އޭގެ ފަހުން ދެން ބުރަކައްޓާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ޖަހައި ހަމަލާ ދެމުން ދިޔައީ އެވެ. ހަމަލާތައް ދިން އިރު އުދައްޔުގެ ކުރިމަތީ ފަރާތަށް ވާ ގޮތަށް ވެސް ހަމަލާތައް ދިނެވެ.
މި ހަމަލާތަކުގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒަހަމްވީ ސަލާމަތްވާން އުދައްޔު ރޮއިގަތް އަޑަށް ހަމަލާތަކުގެ ތެރެއަށް ނުކުމެވިގެނެވެ. ކޮއްކޮގެ ދިފާއުގައި ދިއުމުން އޭނާގެ ބުރަކަށްޓަށް ވެސް ވަނީ ވަޅީން ހަމަލާ ދީފަ އެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް އަދި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ. އަދި އޭނާގެ ބޭބެ ފިރުޝާންގެ ހާލު ވެސް ދެރަ އެވެ. މިއީ މާރާމާރީތަކުގައި މީހުން މެރުމުގެ ސިލްސިލާތަކަށް ހުއްޓުމެއް އައިސްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ހިނގި ހާދިސާއެކެވެ. މި މާރާމާރީ އާއި މަރާ ހަމައިން މާމެންދޫގެ އާންމު ހާލަތު ވެސް ހަމައަކަށް ނޭޅި އެބަ އޮތެވެ.