ކުށްކުރުން

އުދައްޔުގެ މަރު: ތިން މީހުން ހައްޔަރުކޮށްފި

ގއ. މާމެންދޫގައި މާރާމާރީ ހިންގައި ރޭ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނަކު ކަމަށެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ.

މި މާރާމާރީގައި ތޫނު އެއްޗަުން ހަމަލާދީ މަރާލާފައި ވަނީ 17 އަހަރުގެ އަހުމަދު އަދުއްޔު އެވެ.

މި ހާދިސާގެ މައުލޫމާތު ދެއްވަމުން ރޭ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ހިންގަން ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ހަވާލު ކޮށްފައިވާ ކަމަަށާއި އެ ޓީމުގައި ހިމެނޭ ފުލުހުން މިއަދު މާމެންދޫއަށް ދާނެ ކަމަށެވެ. ސީޕީ ވަނީ ތަހުގީގަށް އާންމުންގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ.

މި މާރާމާރީއަކީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިނގި މާރާމާރީއެއް ކަމަށް މާމެންދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަ މާމެންދޫގައި ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އިދާރާތަކުން ކުރަމުން ނުދާތީ އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.