ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި މަރައިލި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު ގައިން ދައުވާ ލިބޭ އެއްވެސް މީހެއްގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށް ހެކިވެރިޔާ ބުނެފި އެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އެވެ. މީގެއިތުރުން މިމައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
މި މައްސަލައިގައި ހެކިބަސް ނަގަން ފަށާފައިވާއިރު ޑީއެންއޭ ތަހުލީލުކުރި އޮފިސަރު ބުނީ އުދައްޔު ލައިގެން ހުރި އެއްޗެހިން ނެގި ޑީއެން އިން ދައުވާ ލިބޭ މީހުންގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށެވެ. އެކަމަކު މި މައްސަލައިގައި އަނިޔާ ލިބުނު އުދައްޔުގެ ބޭބެ، ފިރިޝާން ޒާހިރުގެ ޓީޝާޓުން ދައުވާ ލިބޭ ކުޑަކުއްޖާގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
ހެކިބަސް ދެމުން ވީޑިއޯ ފުޓޭޖެއްގެ ތަހުލީލު ކުރި އޮފިސަރު ބުނެފައި ވަނީ ތަހުލީލުކޮށްފައި ވަނީ މާމެންދޫގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ. އެ ވީޑިއޯ ނަގާފައި ވަނީ ވަރަށް ދުރުން ކަމަށްވާތީ އެއީ ކޮންބައެއްކަން ސާފު ނުވާކަމަށެވެ. އެހެންކަމުން ދައުވާ ލިބޭ މީހުންނާ އެ ވީޑިއޯ އިން ފެންނަ މީހުންގެ ސިފަތަކާއި އަޅާކިޔާފައި ނުވާނެ ކަމަށް މި ހެކިވެރިޔާ ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް މިއަދު ވަނީ ފޮރެންސިކް ރިޕޯޓުތަކެއް ތައްޔާރުކުރި އިތުރު ދެ ފުލުސް އޮފިސަރުންގެ ހެކިބަސް ނަގައިފަ އެވެ.
އެއް އޮފިސަރު ވަނީ އުދައްޔުގެ ހަށިގަނޑު ބަލައި ފާސްކޮށްފަ އެވެ. އޭނާ ބުނީ އުދައްޔުގެ ބުރަކަށީގައި ތިން އިންޗީގެ ޒަހަމެއް ހުރި ކަމަށެވެ. އުދައްޔުގެ ކަރުގައި ވަކި ދަމާފައި ހުރި ކަމަށާއި ފަޔާއި ފައިތިލަ އަދި މޫނުގައި ޒަހަމް ހުރި ކަމަށެވެ.
ހެކިވެރިންނާ ދެފަރާތުން ވެސް ބޮޑަށް ސުވާލުކޮށްފައި ވަނީ ރިޕޯޓު ތައްޔާރުކުރުމާއި ސީނުން ނެގޭ މާއްދީ ހެކިތައް ތަހުލީލުކުރާ ޕްރޮސެސް އާއި އެކަން ކުރަން ޖެހޭ އިޖުރާއަތްތަކާއި ގުޅޭ ގޮތުންނެވެ.
މިއަދު ހަ މީހެއްގެ ހެކިބަސް ނެގުމަށް ތާވަލުކުރި ނަމަވެސް ނެގުނޫ ހަތަރު މީހުންގެ ހެކިބަހެވެ. ދެ މީހުން ކޯޓަށް ހާޒިރު ނުވާ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. މާދަމާ ވެސް މި މައްސަލައިގައި ހެކިބަސް ނެގުމަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.