ދައުލަތާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ކޯޓަށް ވަޑައިގަންނަވާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.
ދައުލަތާ ދެކޮޅަށް މި ފަހަރު ކޯޓަށް ވަޑައިގެންނެވީ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު އެވެ.
ރާގިބަކީ ކުރިން ފަނޑިޔާރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
ރާގިބު ދައުލަތާ ދެކޮޅަށް ކޯޓަށް ވަޑައިގެންފައިވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ މައްސަލައެއްގައެވެ.
މި މައްސަލައަކީ އާންމުކޮށް ހުޅުވާ ނުލައި ކޯޓުން ކުރިއަށް ގެންދާ މައްސަލައެއް ކަމުން މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ މީހެއްގެ ދިފާއުގައި ޑެޕިއުޓީ މިނިސްޓަރަކު ކޯޓަށް ވަޑައިގެންނެވުމުން، ދައުލަތުގެ ވަކީލުން ވަނީ އެކަމާ ކޯޓުގައި އިއުތިރާޒު ކުރައްވާފަ އެވެ.
ދައުލަތާ ދެކޮޅަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކޯޓަށް ވަޑައިގެންނެވި މައްސަލަ ފެންމަތިވުމުން އެކަމުގައި ދައުލަތުގެ ސްޓޭންޑަކީ ދައުލަތުގެ މަގާމެއްގައި ހުރި އެއްވެސް މީހަކު ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރުން ކަމަށް ބަންޑާރަ ނާއިބު އޮފީހުން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް މުނައްވަރު ދައުލަތާ ދެކޮޅަށް ހައިކޯޓަށް ދިޔަ މައްސަލައެއްވެސް ރައީސް އޮފީހުން މީގެކުރިން ބަލާފައިވެ އެވެ.