ރައީސް އޮފީސް

ބޮޑުކުށެއްގެ ދައުވާއެއް އޮތް މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި ދައުލަތު ދައުވާ ކުރާ މީހަކަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި އެވެ.

ދައުލަތުން މިދައުވާ ކުރަނީ ގާނޫނީ ވަކީލް އަހްމަދު ޝާންގެ މައްޗަށެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޝާން އައްޔަންކުރައްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށެވެ.

ޝާންއަށް ދައުވާ ކުރަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާ އެކު އޭނާ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ހުއްޓާ ފެނިގެންނެވެ.

މިމައްސަލައިގައި ދައުލަތުން ޝާންގެ މައްޗަށް ދައުވާކުރުމުން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އެ މައްސަލަ ބޭރުކޮށްލީ އެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި އަލުން މިމައްސަލަ ބެލުމުގެ ގޮތުން މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އެއަށްފަހު އިތުރު އަޑުއެހުމެއް ކުރިއަށް ގެންދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ.

ޝާންގެ ވަކީލުން ވިދާޅުވާ ގޮތުގައި މިއީ ބަޔަކު ރާވައިގެން ޝާން ފްރޭމް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. ވަކީލް ވިދާޅުވާ ގޮތުގައި ޝާން ހުރި ގެސްޓްހައުސްގެ ކޮޓަރިއަށް މި އަންހެން ކުއްޖާ ވަދެފައިވަނީ އެ ކޮޓަރީގެ ފާހާނާގައި ޝާން ހުއްޓަ އެވެ. މިކުއްޖާގެ ފަރާތުން މީގެކުރިންވެސް މިފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި ޝާންގެ ފަރާތުން ޖިންސީ އަމަލެއް ހިންގާފައިވާ ކަމަށް މިކުއްޖާ އެއްވެސް ތަނަކު ބުނެފައި ނުވާ ކަމަށްވެސް ވަކީލުން ފާހަގަކޮށްފައިވެ އެވެ.

ޝާންއަށް ކުރެވޭ ތުހުމަތާ އެކު އޭނާއަށް ދީފައި އޮތް ވަކީލު ކަމުގެ ހުއްދަވެސް ކުރިން ސަސްޕެންޑް ކުރި އެވެ. އެކަމަކު ސަސްޕެންޝަން މިހާރު ވަނީ އުވާލާފަ އެވެ.