ޖިންސީ ފުރައްސާރަ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ކޯޓަށް ހާޒިރުކޮށް ނުދިން މައްސަލައެއް ފެންމަތިވެއްޖެ

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު، ކޯޓަށް ހާޒިރުކޮށްދޭން އެދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކުރުމުންވެސް އޭނާ ކޯޓަށް ހާޒިރުކޮށްނުދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ބޮޑު ރަށަކަށް ނިސްބަތްވާ، މި މީހާ ކޯޓަށް ހާޒިރުކޮށްދޭން ކޯޓުން އަމުރު ކުރުމުންވެސް އެ މީހާ ހާޒިރު ނުކުރިކަން ފެންމަތިވީ އެ މައްސަލައިގައި އެ ރަށު ކޯޓުން ގަޒިއްޔާ ނިންމި ގޮތުގެ ރިޕޯޓުގައި އެ ވާހަކަ ފާހަގަކޮށްފައި އޮތުމުންނެވެ.

ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މައްސަލައާ ގުޅިގެން ބަންދުކޮށްފައި ހުރި މީހާ ވަނީ، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ފެންވަރަށް ހުއްޓައި އެކި ފަހަރު މަތިން ފޮޓޯއާ ވީޑިއޯ ނަގާ ފައެވެ. މި މަންޒަރުތައް އެ މީހާގެ ފޯނުން ފެނިފައިވާކަން މައްސަލައިގެ ރިޕޯޓުން އެނގެ އެވެ.

އެ މީހާގެ މައްޗަށް ދައުލަތުން، ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން، މީހަކު ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށް، އޭނާ ކޯޓަށް ހާޒިރުކޮށްދޭން އެދުމުން ކަރެކްޝަންސްއިން އޭނާ ކޯޓަށް ހާޒިރުކޮށްދީފައި ނުވާކަން މައްސަލައިގެ ރިޕޯޓުން އެނގެ އެވެ. އަދި ހާޒިރު ނުކުރެވުނު މަގުބޫލު ސަބަބެއްވެސް ކަރެކްޝަންސް އިން ކޯޓަށް އަންގާފައިނުވާ ކަން މައްސަލަ ބެއްލެވި ގާޒީ ވަނީ ރިޕޯޓުގައި ލިޔުއްވާފަ އެވެ.

މި މައްސަލަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން މައްސަލައިގައި ހިމެނޭ މީހާ އިންކާރުކޮށްފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދާ އެކު މައްސަލަ ވަނީ އަލުން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފަ އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މައްސަލަ އަނބުރާ ފޮނުވާލީ ޕީޖީ އޮފީހުން އެ މައްސަލަ އަލުން މާފުށީ ކޯޓަށް ހުށަހަޅާށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުތުރުގެ ރަށަކަށް ނިސްބަތްވާ އެ މީހާ ހުރީ މާފުށި ޖަލުގައި ބަންދުކޮށްފަ އެވެ. މައްސަލަ އަނބުރާ ފޮނުވާލިއިރު އޭނާ ކުރިން ބަންދުކޮށްފައި ހުރި އަމުރު ބާތިލުކޮށް، އަލުން 10 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުވެސް ކޮށްފަ އެވެ.

މި ހަބަރުގައި މައްސަލައިގައި ހިމެނޭ މީހާގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވަނީ އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ.