ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގައި 1300 އަށް ވުރެ ގިނަ މައްސަލަ ތާވަލްކޮށްފި

ކްރިމިނަލް ކޯޓުގައި މިދިޔަ ޖުލައި މަހު އެކަނި 1،300 އަށް ވުރެ ގިނަ މައްސަލަ ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓް ހިންގަމުން ދިޔަ ތީމުގެއާ އިންވެގެން ހުރި އެސްޓީއޯ ކުރީގެ އިމާރާތް ބާވެ ފެން ފޭބުމުގެ އިތުރުން އިމާރާތުގެ އެއްބައި ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައިވާތީ މިދިޔަ އަހަރުން ފެށިގެން އެކަށީގެންވާ ގޮތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކެއް ކުރިއަކަށް ނުގެންދެވެ އެވެ. އެހެން އޮވެފައި ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ ޑިވިޝަނަށް ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ބަދަލު ކުރީ މިއަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

ހުޅުމާލެއަށް ކްރިމިނަލް ކޯޓުގެ ބައެއް ބަދަލު ކުރުމާއެކު، އެ ކޯޓުގެ މަސައްކަތް ވަނީ ބާރަށް ހިނގައިގެންފަ އެވެ.

ކްރިމިނަލް ކޯޓުން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު އެކަނި 1،300 މައްސަލަ ތާވަލު ކުރި އެވެ. އެވްރެޖުކޮށް އެ ކޯޓުގެ ކޮންމެ ސެކްޝަނަކަށް، އަޑު އެހުން ބޭއްވުމަށް 10 ދުވަހު ޝަރީއަތުގެ މާލަން ލިބިފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު، 183 ކޯޓު އަމުރު ނެރެފައިވެ އެވެ. އަދި 240 މީހުންގެ ބަންދާ މެދު ގޮތެއް އެ ކޯޓުން ނިންމާފައިވެ އެވެ.

ހުޅުމާލެއަށް ކްރިމިނަލް ކޯޓުން ބައެއް ބަދަލުކުރުމާ ހަމައަށް މިދިޔަ ދޮޅު އަހަރު ތެރޭގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އެންމެ މާލަމެއްގަ އެވެ. އެތަނުގައި ޝަރީއަތްތައް ހިންގީ ފަނޑިޔާރުންގެ މެދުގައި ތާވަލެއް ހަދައިގެން އެކި ދުވަހު އެކި ފަނޑިޔާރުންނަށް އެ މާލަމް ބޭނުން ކުރެވޭ ގޮތަށެވެ.