ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލޭގައި މާދަމާ ފަށަނީ

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މާދަމާ ފެށުމަށް ނިންމައިފި އެވެ.

ހުޅުމާލޭގައި ހުރަވީ ސްކޫލާ މާދުރު ނޫން ހިސާބެއްގައި ހުންނަ އެ އިމާރާތުގައި ހުރި ޝަރީއަތްކުރާ ތިން މާލަމުގައި، ކްރިމިނަލް ކޯޓުގެ ހަ ސެކްޝަނެއްގައި ހުރި މައްސަލަތަކެއްގެ އަޑުއެހުންތައް މާދަމާ އިން ފެށިގެން ބޭއްވޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތަކުގައި ހުރި މައްސަލަތަކެއްގެ އަޑުއެހުންތައް ހުޅުމާލޭގައި ހުންނަ އިމާރާތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނީ މާލޭގައި ކްރިމިނަލް ކޯޓު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ ހެޑް އޮފީސް އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނުގެ ބައެއް ބޭނުން ނުކުރަން ޖޭއެސްސީ އިން އެންގުމާ ގުޅިގެންނެވެ.

ޖޭއެސްސީ އިން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އެންގި އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓަށް ޖާގައިގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެ އަޑުއެހުންތައް އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުގެންދެވެ އެވެ. ކްރިމިނަލް ކޯޓުގައި މިފަހުން ޝަރީއަތްތައް ކުރިއަށް ގެންދަނީ ޝަރީއަތް ކުރާ އެންމެ މާލަމެެއްގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ވަގުތީ ގޮތުން މިގެނެވުނު ބަދަލާ ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެއަށް ބަދަލުކުރުމުން، މާލޭގައި ހުރި އެ ކޯޓުގެ އިމާރާތުން ޝަރީއަތް ކުރާ ތިން މާލަން ހުސްކުރެވި ހުޅުމާލެ މާލަންތަކާއެކު މިވަގުތު ޖުމްލަ ހަ މާލަން ޝަރީއަތްކުރުމަށް ލިބިފައިވާ ކަމަށެވެ.

މި ހަ މާލަން 11 ގާޒީންގެ މެދުގައި އެކި ދުވަސްތަކަށް ބަހާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އިސްކަން ދޭނެ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ.

ވޭތުވެ ދިޔަ ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި ކޯޓުގެ އެންމެ މާލަމެއްގައި ޝަރީއަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް އެ މުއްދަތުގެ ތެރޭގައި 2،934 މީހުންގެ ބަންދާ މެދު ގޮތެއް ނިންމާފައިވެ އެވެ. އަދި 2،193 ކޯޓު އަމުރު ދޫކޮށް، 520 ގަޒިއްޔާ ކޯޓުން ނިންމާފައިވެ އެވެ.