މާލެ ސަރަހައްދުން ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގެ އިހްތިސޯސް ކުރިން އޮތީ ހަމައެކަނި ކުރިމިނަލް ކޯޓަށް ކަމާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް އެ ބާރު ލިބިދީފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމެއްގައި ކަނޑައަޅައިފި އެވެ.
އެގޮތަށް ކަނޑައެޅީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހައްޔަރުކުރި މީހެއް ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއް ބާތިލްކުރަން ހައިކޯޓުން އިއްވި ހުކުމްގަ އެވެ. އެ މައްސަލައަކީ ވަރަށް ހޫނުވި ވެސް މައްސަލައެކެވެ. އޭނާ ބަންދު ކުރަން ހުޅުމާލެ ކޯޓުން އަމުރު ނެރެފައިވަނިކޮށް އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވެސްވެ އެވެ.
މައްސަލަ އިސްތިއުނާފު ކުރުމަށް އޭނާ އެންމެ ބޮޑަށް ފާހަގަކުރި ނުކުތާއަކީ ބަންދު އަމުރު ނެރުމުގެ އިހްތިސޯސް ހުޅުމާލެ ކޯޓަށް ނެތް ކަމެވެ. އެކަމަށް ރިއާޔަތްކޮށް ހައިކޯޓްގެ ހުކުމްގައި ބުނީ ހުޅުމާލެއަކީ ވެރިރަށް މާލޭގެ ބައެއްކަމާއި، އިދާރީ ގޮތުން އެރަށަކީ މާލޭގެ ބައެއްކަމުގައި ހިމެނިފައިވާ ރަށެއްކަން ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުން އެނގެން އޮންނަ ކަމަށެވެ. އޭގެއިތުރަށް ހުޅުމާލެއަކީ މާލޭގެ ބައެއްކަން ރައީސްގެ ގަރާރަކުން 2010 ވަނަ އަހަރު ކަނޑައަޅާފައިވާ ކަމާއި ހައިކޯޓުގެ ގަޒިއްޔާއެއްގައި ވެސް އެގޮތަށް ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ބުނީ މާލޭ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރެންވާނީ ގާނޫނަކުން ނުވަތަ ސްޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހިނދަކު، ހަމައެކަނި ކްރިމިނަލް ކޯޓުން ކަމުގައި ހަމަޖައްސައިފައިވާކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވެ، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް ބަލާއިރު، ވެސް އެކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
މާލޭ ސަރަހައްދުގައި އުޅޭ މީހުންނާ ގުޅޭ އަމުރުތައް ނެރެން ވާނީ ހަމައެކަނި ކުރިމިނަލް ކޯޓުން ކަމަށް ސުޕްރީމް ކޯޓުން ސާކިއުލާއެއްގައި ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. އެ ސާކިއުލާ އެގޮތުގައި މި މައްސަލާގައި ހުޅުމާލެ ކޯޓުން ބަންދު އަމުރު ނެރުނުއިރު އޮތެވެ. އެހެންކަމުން ހައިކޯޓުން ކަނޑައެޅީ، އެ އަމުރު ހުޅުމާލެ ކޯޓުން ނެރެފައިވަނީ އެ ކޯޓަށް އެކަމުގައި އިހްތިސޯސް ލިބިފައި ނެތީސް ކަމަށެވެ. އެ އަމުރު ބާތިލްކުރީ އެހެންވެ އެވެ.
ހުޅުމާލެއިން ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، އެފަދަ ބަންދު އަމުރު ނެރުމުގެ ބާރު މިހާރު އެ ކޯޓަށް އޮވެ އެވެ. އެ ބާރު އެ ކޯޓަށް ދީފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ވަނީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އިސްލާހު ގެނެސް އެ ބާރު ދީފަ އެވެ.
މި މައްސަލާގައި ނޫނަސް ހުޅުމާލެ ކޯޓުން ބަންދު އަމުރުތައް ނެރެފައިވެ އެވެ. މި އަހަރުގެ ޖުލައި މަހުގެ ކުރީގެ އަމުރުތައް ވެސް އެބަ ހުއްޓެވެ. ހައިކޯޓުން ކަނޑައަޅާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ކުރިން ހުޅުމާލެ ކޯޓަށް އެފަދަ އަމުރު ނުނެރެވޭނެ ކަމުގައިވާއިރު އެހެން އަމުރުތަކާމެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.