ކްރިމިނަލް ކޯޓް

ރެސްޓޯރެންޓެއްގައި މީހަކު މަރާލި މައްސަލައިގެ އަޑުއެހުންތައް ނިމެނީ

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓުގައި މީހަކު މަރާލި މައްސަލަ ނިންމުމަށް ކްރިމިނަލް ކޯޓުގައި މިއަދު ހުލާސާ ބަޔާން އިއްވައިފި އެވެ.

މިއީ 2022 ވަނަ އަހަރުގެ ރޯދަ މަހުގެ ތެރޭގައި ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކުރި ބަންގްލަދޭޝް ވެއިޓަރެއް ކަމަށްވާ އެމްޑީ ޝަމީމްއަށް އެތަނުގައި މަސައްކަތް ކުރި ޕާކިސްތާން ޝެފެއް ކަމަށްވާ މުހައްމަދު އާބިދު ވަޅިން ހަމަލާދީ މަރާލި މައްސަލައާއި ގުޅޭ ދައުވާގެ އަޑުއެހުންތަކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ މައްސަލަ ނިންމުމަށްޓަކައި ދެފަރާތުން ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ.

މި މައްސަލައިގައި އާބިދުގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދައުވާ އާބިދުގެ މައްޗަށް ސާބިތު ނުވިޔަސް އެހެން ކުށެއް ސާބިތުވެއްޖެނަމަ އެކަމަށް އޭނާއަށް އަދަބު ދިނުމަށް އެދިފަ އެވެ. ނަމަވެސް އާބިދުގެ ދިފާއީ ވަކީލު ވިދާޅުވީ އެހެން ކުށެއް ސާބިތުކުރަން ދައުލަތުން ކުރިން އެދިފައި ނެތް ކަމަށާއި އެހެން ކުށަކަށް އަދަބު ދޭނަމަ ޖަވާބުދާރީ ވާންވެސް ވަގުތު ބޭނުންވާނެ ކަމަށެވެ.

އެހެންވެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ހުލާސާ ބަޔާން އިއްވުމަށް އަންނަ ހޮނިހިރު ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެއަށްފަހު ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވި އެވެ.

މިއީ ކްރިމިނަލް ކޯޓަށް ހުށަހެޅި މަރުގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް އެންމެ އަވަހަށް ނިންމާ އެއް މައްސަލަ އެވެ.