ކުޑަ ކުއްޖެއްގެ ފޯނެއް މަގުމަތިން ފޭރިގަތް މައްސަލައެއްގައި ކުރިން ހުކުމެއް އިއްވާފައިވާ މީހަކު، ގެސްޓް ހައުސްއަކުން ވައްކަންކޮށްގެން ހައްޔަރުކޮށްފި އެވެ.
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުން އަސުސް ޒެން ދެ ފޯނު، 2018 ވަނަ އަހަރުގެ އޮގަސްޓު ހަތް ވަނަ ދުވަހު މާވެޔޮމަގުގައި ހުންނަ ޖިލްބާބު ފިހާރަ ކައިރިން ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ސީވޭވް، އަލީ ނަހްދާން އެވެ.
އޭނާ މި ފަހަރު ހައްޔަރު ކުރީ ގެސްޓް ހައުސްއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައެވެ. އޭނާ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވެ އެވެ.
ރެކޯޑްތަކުން ދައްކާ ގޮތުން އަލީ ނަހްދާންއަކީ ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ.
މާލޭގެ ގެއަކުން އަތުލައިގަތް މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކޮށްފައި ނެތް ކަމަށް ބުނެ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރި ފަސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ ކުރިން ދޫވި މީހުންގެ ތެރޭގައިވެސް އަލީ ނަހްދާން ހިމެނޭ ކަމަށް ރެކޯޑްތަކުން ދައްކައެވެ.