ކްރިމިނަލް ކޯޓް

ބާރަށް ކާރު ދުއްވުމާ ގުޅިގެން ތިން މަހަށް ޖަލަށް

ހުޅުމާލޭގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑަން އިބްރާހިމް އިކްރާމް ތިން މަހަށް ޖަލަށްލުމާ އެކު 70،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތައް ކައިރީގައި މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ އިބްރާހީމް އިކްރާމުގެ އިތުރުން ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާން އާއި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް އެވެ.

ޝަރީއަތުގެ މަޖިލީހުގައި އިކްރާމު ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފަ އެވެ. އަދި މިމައްސަލައިގެ ތަހުގީގަށް އޭނާ ތިން މަހު ބަންދުގައި ހުރެފައިވާތީ އޭނާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޖަލުގައި އިތުރަށް ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ.

މީގެއިތުރުން އެކްސިޑެންޓްވި މީހާއަށް އިކްރާމުގެ ފަރާތުން 118،000 ރުފިޔާ ދައްކާފައިވާ ކަމަށް ޝަރީއަތުގައި ދައުލަތުން ބުނެފައިވަނީ އޭނާއަށް އިއްވި ޖޫރިމަނާގެ ހުކުމްވެސް އެވަނީ ތަންފީޒުވެފަ އެވެ.

ދައުވާ ލިބޭ އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ.

އިކްރާމުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.

ޖިނާހުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.

ފުލުހުން މި ތިން މީހުން ހައްޔަރުކުރީ އެކްސިޑެންޓްވުމުން އެ ސަރަހައްދުން ފިލައިގެން ދިޔަ ފަހުންނެވެ.