ހަބަރު

ޝިއުނާގެ މޫނު އޮތީ ޗިސްވެފަ: ޑޮކްޓަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި، ރ. ރަސްގެތީމު، ފާތުމަތު ޝިއުނާގެ މޫނުމަތި އެއްކޮށް ޗިސްވެ ބޮޑެތި ގެއްލުންވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މި އެކްސިޑެންޓާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފަ އެވެ. މި އެކްސިޑެންޓް ހިނގިއިރު މަލްދާން އިނީ އެކްސިޑެންޓްވީ ކާރު ދުއްވާށެވެ.

ގިނަ ދުވަސްތަކަކަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އެކްސިޑެންޓަށް ފަހު ޝިއުނާ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުގެ ހެކިބަސް ނަގާފަ އެވެ.

ހެކި ބަސް ދެއްވަމުން ޑޮކްޓަރު ވިދާޅުވީ ޝިއުނާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގެނައި އިރު ވިންދެއް ނެތް ކަމަށެވެ. އަދި މޫނުމަތީގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށާއި މޫނުމަތި ޗިސްވެފައިވާ ކަމަށެވެ. ޝިއުނާ އަށް ވަގުތުން ސީޕީއާރު ދިން ކަމަށާއި އޭގެ ފަހުން ވިންދު އައި ކަމަށް ވިދާޅުވި އެވެ.

"ޝިއުނާ ގެނައި އިރު އެއްވެސް ހަރަކާތެއް ނެތް. ވިންދެއްވެސް ނެތް. އެކަމަކު މަރެއް ނުވޭ. ކޯމާއެއްގަ އޮތީ. އަޅުގަނޑު ވަގުތުން ސީޕީއާރު ދިނިން. އޭގެ ފަހުން ވިންދު އައި. ދެން އަޅުގަނޑު މަސައްކަތް ކުރީ އިންޓްބޭޓް ކުރަން. އެހެން ނަމަވެސް ވަރަށް ބޮޑަށް އުދަނގޫވި. މޫނުމަތީގަ ބޮޑެތި ތަންތަން ކަފައިގެން ގޮސް ޗިސްވެފަ އޮތީމަ." އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އިންޓްބޭޓް ކުރުމަށްފަހު އެވަގުތު ހުޅުމާލޭ ހޮސްޕިޓަލްގައި ތިބި އަމްރިތާ ހޮސްޕިޓަލްގެ އިމަޖެންސީ ދެ ޑޮކްޓަރުންނާއި ޝިއުނާ ބެއްލެވުމަށް ހަވާލު ކުރި ކަމަށެވެ. އަދި އެއަށްފަހު މަޑުމަޑުން ހާލަތު ރަނގަޅުވާން ފެށުމުން އައިޖީއެމްއެޗަށް ބަދަލު ކުރި ކަމަށެވެ.

ޝިއުނާ އައިޖީއެމްއެޗަށް ބަދަލު ކުރީ ހުޅުމާލޭ ހޮސްޕިޓަލުގައި އެމްއާރްއައި ހެދޭނެ ގޮތެއް އަދި ސީޓީ ސްކޭން ހެދޭނެ ގޮތެއްވެސް ނެތުމުން ކަމަށް ޑޮކްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް އައިޖީއެމްއެޗަށް ބަދަލު ކުރި އިރު އޭނާގެ ވިންދެއް ހުރި ކަމެއް ނުވަތަ ނެތް ކަމެއް ސާފުވެފައިނުވާ ކަމަށާއި ސަބަބެއް ކަމަށް ވިދާޅުވީ ބަދަލު ކުރި ވަގުތު ޝިއުނާ އާއި ހަވާލުވީ އަމްރިތާގެ ދެ ޑޮކްޓަރުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ދައުލަތުން ބުނީ އިތުރު ހެކިން ހުށަހެޅުމަށް ބޭނުންވާ ކަމަށާއި އެގޮތުން އައިޖީއެމްއެޗްގެ މެޑިކަލް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރާއި އިތުރު ދެ ޑޮކްޓަރުންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ގާޒީ ވަނީ މި މައްސަލާގައި އިތުރު ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމާމެދު ފަހުން ޖަވާބެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލާގައި ދައުވާ ކުރާ މަލްދާންގެ ގާނޫނީ ވަކީލް ވިދާޅުވީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން އިތުރަށް ހެއްކަކަށް ހުށަހަޅާނީ ހުޅުމާލޭ ހޮސްޕިޓަލްގެ ޑޮކްޓަރުގެ ހެކިބަސް އެކަނި ކަމަށް ވިދާޅުވެފައިވާތީ އެކަން ފާހަގަ ކޮށްފަ އެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ހެކި ބަހަކީ މި މައްސަލައިގައި ވަރަށް މުހިންމު ހެއްކެއް ކަމަށެވެ.

މި މައްސަލާގައި އަންނަ މަހުގެ 10 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރުމަށްފަހު ގާޒީ ވަނީ އަޑުއެހުން ނިންމާލާފަ އެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ 11:25 އެހާކަންހާއިރު ހުޅުމާލޭ ނިރޮޅު މަގުގެ އެޗްޑީސީ ކައިރިން ބަލަންވާވަރަށް ނުބަލާ މަލްދާން ކާރު ދުއްވާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މަގުން ދުއްވާފައި ދިޔަ ސައިކަލްގައި ޖެހި، ސައިކަލްގައި ޝިއުނާ މަރުވެފައިވާ ކަމަށް ދައުވާގައިވެ އެވެ. ޝިއުނާ މަރުވީ، އެކްސިޑެންޓްގައި ލިބުނު ގެއްލުންތަކަށް ފަރުވާދެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މުހައްމަދު ޝާހިދަށް ވެސް އަނިޔާވި އެވެ. ނަމަވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ.

މަލްދާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. ޝިއުނާ މަރުވިއިރު އޭނާގެ ހަތް އަހަރުގެ ދަރިއަކު ހުރެ އެވެ. އޭނާ މާލެ އައީ، މަންމަ އާއި ދައްތަ ހައްޖަށް ފުރުވާށެވެ.