ހަބަރު

މާދަމާ މަގުމައްޗަށް ނުކުންނާނަން، އެކަން ނުހުއްޓުވޭނެ: ޝިފާޒް

އެމްޑީޕީން މާދަމާ މާލޭގައި ބާއްވާ މުޒާހަރާގައި މަގުމައްޗަށް ނުނިކުމެވޭނެ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް މާދަމާ މަގުމައްޗަށް ނިކުންނާނެ ކަމަށް އެމްޑިޕީ އިން ބުނެފި އެވެ.

އެމްޑީޕީން މިހާރު ކުރިއަށްދާ ޖަލްސާގައި، އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، މާދަމާގެ ހިނގާލުން މަގީދީމަގުގައި ބާއްވާނެ ކަމަށެވެ. އެކަން ހުއްޓުވަން އެއްވެސް ފަރާތަކުން މަސައްކަތް ކުރަން އުޅުމަކީ ބޭކާރު ކަމެއް ކަމަށާއި ހިނގާލުން ކުރިއަށްގެންދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ހިންގާލުން ކުރިއަށްގެންދާނެ ކަމަށް ޝިފާޒު ވިދާޅުވެފައިވާއިރު، މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ މުޒާހަރާގައި މަގުތަކަށް ނުކުމެ ހިނގާލުމެއްގެ ގޮތުގައި އެއްވުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މުޒާހަރާގައި އަޑުގަދަކުރާ ބޭނުން ކުރާނަމަ ނަމާދު ވަގުތަށް މެދުކަނޑައިލަން ޖެހޭނެ ކަމަށާއި ދަންވަރު 12:00 އިގެ ފަހުން ބޭނުންކޮށް އަޑުގަދަކުރަން ފުރުސަ ނުދޭނެ ކަމަށެވެ. އަދި ބުނީ އެއްވުން ކުރިޔަށްދާއިރު ހަތަރު ފުރޮޅުލީ ވެހިކަލެއް ވެސް ބޭނުން ނުކުރެވޭނެ ކަަމަށެވެ.

ޝިފާޒުގެ ވާހަކަފުޅުގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާތީ އެކަމާއި ދެކޮޅަށް މާދަމާގެ ހިންގާލުމުގައި އަޑުއުފުލާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.