އުރީދޫ

އިންޓަނެޓުގެ ހިދުމަތް ފަށަން އުރީދޫން މީޑިޔާނެޓާއެކު ސޮއިކޮށްފި

Feb 4, 2016
1

އުރީދޫން ލޭންޑްލައިން އިންޓަނެޓުގެ ހިދުމަތް ފެށުމުގެ ގޮތުން އިންފްރާސްޓްރަކްޗާ ހިއްސާ ކުރުމަށް މީޑީޔާނެޓާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މީޑިޔާ ނެޓުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހްމަދު ޝަފީއު އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ.

ސީއީއޯ ވިކްރަމް ވިދާޅުވީ އުރީދޫ އަކީ ޒަމާނީ ކުރިއެރުންތަކާއި އެކު ނެޓްވަރކް ބިނާކުރުމުގައި އަދި ނެޓްވަރކްގެ ފެންވަރުދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މިސާލަކަށް ވާން މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

"އުރީދޫ އިން ދުނިޔޭގެ އެކިހިސާބުތަކުގައި ކުރިއަރާފައިވާ ކުންފުނިތަކާއި އެކު ނެޓްވޯކް އަދި އިންފްރާސްޓްރަކްޗާ ހިއްސާކުރޭ. އިންފްރާސްޓްރަކްޗާ ޝެއާ ކުރުމުގެ ސަބަބުން ހިދުމަތުގެ ފެންވަރާއި ސްޕީޑް ރަނގަޅުކުރުމަށާއި ހިދުމަތްދިނުމަށް ހިނގާ ހަރަދުތައް ކުޑަކުރެވުމުގެ ސަބަބުން، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ދިވެހި ރައްޔިތުންނަށް ފައިދާހުރި އިތުރު ހިދުމަތްތަކެއް ތައާރަފްކުރުމުގައި ބާރުވެރިވެގެން ދޭ،" ވިކްރަމް ވިދާޅުވި އެވެ.

"ހަމައެއާއިއެކު އުރީދޫ އަދި މީޑިއާނެޓްއާއި ދެމެދުވާ އެއްބަސްވުމުގެ ސަބަބުން އުރީދޫގެ ފިކްސްޑް ލައިން އިންޓަނެޓް އަދި ހޯމް ސޮލިއުޝަންތައް ރާއްޖޭގެ އެކި ހިސާބުގައިވާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް މެދުވެރިވޭ."

މީޑިޔާ ނެޓުގެ ސީއީއޯ އަހްމަދު ޝަފީއު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

"އިންފްރާސްޓްރަކްޗާ އަދި ރިސޯސަސް ހިއްސާ ކުރުމަށްޓަކައި ގާއިމުކުރެވިފައިވާ އެއްބަސްވުމާއި އެކު، މީޑިއާނެޓްގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ. މިއާއެކު ދެކުންފުނީގެ އަގުހުރި ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ވަރަށް އެދެވޭ ކުރިއެރުންތަކެއް ލިބި، ހެޔޮބަދަލުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.