އީވާ އަބްދުﷲ

"ފިކުރެއްގެ ދިރުން"ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރަން ނިންމައިފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ނިންމައިފި އެވެ.

ފިކުރެއްގެ ދިރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެ ބޭފުޅުންގެ ޓީމުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ނިންމާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.

ފިކުރެއްގެ ދިރުންގެ ޓީމުގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް މުހައްމަދު ނަޝީދުތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރި ނަމަވެސް މި ސުވާލަށް އީވާ ވެސް އަދި އެހެން ބޭފުޅަކުވެސް ޖަވާބެއް ނުދެއްވި އެވެ.

"ރައީސް ނަޝީދު ނުދެއްވާ ޖަވާބެއް އަޅުގަނޑުމެން [ތިކަމުގައި] ދޭނީ ކިހިނެއްތޯ؟" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އެމްޑީޕީން އެބޭފުޅުން ވަކިވެވަޑައިގަތީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާ ހިލާފަށް ޕާޓީ އާއި ސަރުކާރު ހިންގަމުންދާތީ ކަންކަން އިސްލާހުކުރުމަށް އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެސް ފުރުސަތެއް ނުލިބުމުން މިނިވަންކަމާ އެކު އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

"މިކަމުގައި އުޅޭތީ އަޅުގަނޑަށް މައްސަލައެއް ނެތް މަޖިލީހުގެ ނައިބް ރައީސް ކަމުން ދުރުކުރިޔަސް،" އީވާގެ މަގާމުން ވަކިކުރަން އުޅޭ ކަމަށް ބުނެ ނޫސްވެރިޔަކު ސުވާލުކުރުމުން އީވާ ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ ބޭފުޅުން އުފައްދަވާ ޕާޓީ އަށް ވެސް ކިޔާނީ "ފިކުރެއްގެ ދިރުން" ކަމަށެވެ. އަދި ފެށޭ ހަފްތާ އާ ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ވަރަށް އަވަހަށް 3،000 މެންބަރުން ހަމަކޮށް ޕާޓީ ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަފްތަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 'ފިކުރެއްގެ ދިރުން'ގެ ކެންޑިޑޭޓަކު ވާދަކުރާނެ،" އިލްޔާސް ވިދާޅުވި އެވެ.

މިއަދާ ހަމައަށް އެމްޑީޕީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ޝިފާޒު ވިދާޅުވީ ފިކުރެއްގެ ދިރުންގެ ޓީމުން ކުރާ މަސައްކަތް އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށެވެ. އަދި މިމަސައްކަތް ފެށީ ހިސާބުތަކެއް ޖައްސަވައިގެން ކަމަށާއި ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.