ރައީސް މުހައްމަދު ނަޝީދު

ޔާމީން ޖަލުގައި އޮތީ ޕީޕީއެމް އިން މަސައްކަތް ނުކުރާތީ: ނަޝީދު

ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ
0%
0%
100%

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތީ އެމަނިކުފާނު މިނިވަންކުރުމަށް ޕީޕީއެމް އިން މަސައްކަތް ނުކުރާތީ ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއާ އެކު މިއަދު ހުވަދު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުން ނެރުމަށް ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެކަމާ ހިތްހަމަނުޖެހި އިލްޔާސްއަށް ވޯޓު ދޭން ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ޕީޕީއެމް އިމް އެ މަސައްކަތް ކުރިނަމަ ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ. ރައީސް ޔާމީން ފަސް އަހަރު މި ދައުރު އެކީ އެ ހުންނެވީ ޖަލުގައި. މިއަދު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި އެތައް ބޭފުޅުންނެއް އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީވެ،" ނަޝީދު ވިދާޅުވި އެވެ.

ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލުގައި ހުންނެވިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އޭރު ޖަލުން ސަލާމަތްވެވުނީ އޭރުން އެމަނިކުފާނު ހުންނެވި އެމްޑީޕީގެ ލީޑަޝިޕުން އެކަމަށް މަސައްކަތް ކުރުމުން ކަމަަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ދަ ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރަން އެއްބަސްވާތާ ހަފްތާއެއްގެ ތެރޭގައި ޔާމީން މިނިވަންކުރާނެ ކަމުގެ ޔަގީންކަންވެސް ނަޝީދު ވަނީ ދެއްވާފަ އެވެ.

"ޕީޕީއެމް މެމްބަރުންނަށް ޔަގީންކޮށް އަރުވަން ތިބޭފުޅުން އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑާއި އެއްބަސްވެ ސޮއި އަޅާތާ ހަފްތާއެއްތެރޭ މާލޭ މަގުމަތީގައި އަބަދު އުޅެގެންވެސް ރައީސް ޔާމީން ގެއަށް ގެނެސްދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލުން ނެރެވޭނީ ދަ ޑިމޮކްރެޓްސް އަށް ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ހުރިހާ މެންބަރުންވެސް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސްއަށް ވޯޓު ދެއްވުމަށްވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910