ރައީސް އޮފީސް

ޔޫއޭއީގެ ތިމާވެށި ވަޒީރު ރައީސްގެ އަރިހަށް

May 17, 2023

ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނައިޓެޑް އަރެބް އެމިރެޓްސް (ޔޫއޭއީ)ގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަަރްޔަމް ބިންތް މުހައްމަދު ސައީދު ހަރެބް އަލްމެހްރި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޔޫއޭއީގެ މިނިސްޓަރު މަރްޔަމް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް އަހްވަންތަކަމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި، ސަގާފަތާއި، ދެެ ގައުމުން ގަބޫލުކުރާ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

ޔޫއޭއީގެ މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މައްސަކަތްތައް ފާހަގަކުރައްވާ ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ދާން ވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވަނީ މިއަހަރު ނޮވެމްބަރު މަހުގެ 30 އިން ޑިސެންބަރު 12 އަށް ދުބާއީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޮޕް 28 ވަނަ ބައްދަލުވުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. ރައީސް ސޯލިހް ވަނީ މިފަހަރުގެ ބައްދަލުވުމުގައި ޕެރިސް އެގްރީމަންޓްގެ ނަތީޖާ ނިކުންނަ ގޮތް ބެލުމަށްޓަކައި ގްލޯބަލް ސްޓޯކްޓޭކްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮޕް 28 އަށް ޔޫއޭއީގެ ރިޔާސަތަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، ކޮޕް 27 ގައި އިއުލާނުކުރެވުނު 'ލޮސް އެންޑް ޑެމޭޖް ފަންޑް' ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފަ އެވެ.

ޔޫއޭއީގެ މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މި ފަންޑް ދޫކުރުމުގައި އެންމެ ބޭނުން ޖެހިފައިވާ މައްސަލަތަކަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވެ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޔޫއޭއީ އިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

ރާއްޖެއާއި ޔޫއޭއީއާ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ މާރިޗު 15، 1978 ވަނަ އަހަރު އެވެ.