ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ޔޫއޭއީއަށް ވަޑައިގަންނަވަނީ ތައުޒިޔާ ދަންނަވަން

May 14, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވަނީ އެގައުމުގެ ރައީސް ޝައިހް ޚަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ދެންނެވުމަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް މިއަދު ވިދާޅުވީ މާދަމާ މެންދުރު ފަހު ރައީސް ސޯލިހް ޔޫއޭއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނު ވަޑައިގަންނަވަނީ އެގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ކަމަށް ވިދާޅުވި އެވެ.

މަބްރޫކް މިފަދައިން ވިދާޅުވެފައި ވަނީ މާދަމާ ރައީސް ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ރަހުމަތްތެރި ގައުމުތަކުގެ ރައީސުން ތައުޒިޔާ ދެންނެވުމަށް އެގައުމަށް ވަޑައިގެންނެވުމުގެ އިންތިޒާމްތައް ޔޫއޭއީ ސަރުކާރުން ވަނީ މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ހަމަޖައްސައިފަ އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ޔޫއޭއީގެ ޝާހީ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް ކުރިން ވެސް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ދުރުވިސްނިވަޑައިގަންނަވާ ހަރުދަނާ ޝަހްސިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ. ރައީސް ސޯލިހް ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ނިންމަވާފައެވެ.

ޔޫއޭއީގެ ރައީސް އިއްޔެ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުން 73 އަހަރުގަ އެވެ.

ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ބައްޕާފުޅު އަދި ޔޫއޭއީގެ ފުރަތަމަ ރައީސް ޝައިހް ޒައިދް ބިން އަލް ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން ޔޫއޭއީގެ ރައީސް ކަމާ ހަވާލުވެވަޑައިގަތީ 2004 ވަނަ އަހަރު އެވެ.