ރައީސް އޮފީސް

ދެ ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން އެ ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ކަމުގެ ފަތްކޮޅު އެރުވީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު -- ޑޭވިޑް ޖަސެޕް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު -- ޝައިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އެވެ.

އޮސްޓްރޭލިއާ ސަފީރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިއާގެ ސަފީރު ވަނީ އަންނަ އަހަރަކީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރާ މި ދަނޑިވަޅަކީ އެކަމަށް ވަރަށް މުނާސަބު ދަނޑިވަޅެއްކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތައް ކަމުގައިވާ މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ކަންކަމުގައި އޮސްޓްރޭލިއާ ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހާއި ޔޫއޭއީގެ ސަފީރު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ރާއްޖެ ތަރައްގީ ކުރުމުގައި ޔޫއޭއީ އިން އަދާކުރާ މުހިއްމު ދައުރާއި، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ޔޫއޭއީ އިން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވާފަ އެވެ.