ދުނިޔެ

ޗައިނާގެ ރައީސްއާ ބައްދަލުކުމުގެ ޝައުގުވެރިކަން އެބަ އޮތް: ޖޯ ބައިޑަން

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަކީ އެޖެންޑާގައި އޮތް ކަމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޝީއާ ބައްދަލު ކުރެއްވުމަށް ވަކި ޚާއްސަ ވަގުތެއް އަދި ކަނޑައެޅިފައެއް ނެތެވެ. އެހެން ނަމަވެސް އެއީ ހަމަ ޔަގީނުން ވެސް ޝައުގުވެރިކަން އޮތް ކަމެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޖަޕާންގެ ހިރޯޝިމާގައި މި މަހު -- މެއި 19 އިން 21 އަށް ބޭއްވުމަަށް އެޖެންޑާކޮށްފައި އޮތް "ޖީ ސެވަން" ސަމިޓަށް ވަޑައިގަތުމަށް ބައިޑަން ކުރެއްވި ދަތުރުގައި ނޫސްވެރިޔަކު ހަޅޭއްލަވައިގަތް ސުވާލަކަށް ޖަވާބުދެއްވަމުން ބައިޑަން ވިދާޅުވީ ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަކީ ނުވާނެ ކަމެއް ކަމަށް ނުދަންނަވާނެ ކަމަށެވެ.

"އެކަމަށް ވަގުތު ކަނޑައެޅިފައެއް ނެތް -- އެކަމަކު އެއީ ހަމަ ގައިމުވެސް އޮންނާނެ ބައްދަލުވުމެއް" ބައިޑަން ވިދާޅުވި އެވެ.

އެމެރިކާ އާއި ޗައިނާގެ ގުޅުން މިފަހުން އަބަދުވެސް އޮންނަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު ޖާސޫސީ ފުއްޕާހަމެއްގެ މައްސަލާގައި ޖެހުނު ކުނިގަނޑަށްފަހު ގުޅުން އޮތީ މާބޮޑަށް ގޯސްވެފަ އެވެ.

އަނެއްކޮޅުން އެމެރިކާއިން ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ ޗައިނާ ވަރަށް ރުޅިއަންނަ ކަމެކެވެ. މިއީ ވެސް ވޮޝިންގްޓަނުން ހުއްޓާލަން ބޭނުންވާ ކަމެއް ނޫނެވެ.

ޖާސޫސީ ފުއްޕާހަމެއް ކަމަށް އެމެރިކާ ބުނި ފުއްޕާހަމަކީ ޗައިނާ ބުނި ގޮތުގައި މަދަނީ ބޭނުމެއްގައި -- މޫސުން ބެލުމަށް އެރުވި ފުއްޕާހަމެކެވެ. މޫސުމީ ބަދަލެއްގައި ވައިހުރި ގޮތުން އެމެރިކާއާ ދިމާއަށް ގޮސް މަތީގައި އޮތީ އެވެ. އެހެންނަމަވެސް އެމެރިކާ އިން މިކަމެއް ގަބޫލެއް ނުކުރެ އެވެ. އެމެރިކާއިން ގަބޫލުކުރަން ބޭނުންވީ އެއީ ޗައިނާއިން ޖާސޫސްކުރަން އެރުވި ފުއްޕާހަމެއް ކަމަށެވެ.

މި ފުއްޕާހަމުގެ މައްސަލާގައި ދެ ގައުމުގެ ދެމުދުގައި އުފެދުނު ކޮޅިގަނޑުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގަތުމަށް ތާވަލުކޮށްފައި އޮތް ދަތުރު ވެސް ކެންސަލްކުރެއްވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއަށް ވަޑައިގަތުމަށް ބްލިންކެންއަށް ޗައިނާއިން ފުރުސަތު ނުދިނީ އެވެ. އަދި ބްލިންކެން ވަޑައިގަތް ނަމަވެސް އެއްވެސް ގޮތަކަށް އެއްބާރުލުން ނުދޭނެ ކަމަށް އެމެރިކާއަށް އެންގީ އެވެ.