ދިރާގު

މުވާސަލާތީ ދުވަސް ފާހަގަކުރުމަށް ދިރާގުން ގިނަ ހަރަކާތްތަކެއް

May 18, 2023

ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން ދިރާގުން ވަނީ މުވާސަލާތީ ދުވަހަށް ހާއްސަ ޓޯކް ޝޯކެއް ކުރިއަށް ގެންގޮސްފަ އެވެ.

"ޑިޖިޓަލް ރާއްޖެ" ނަމުގައި ކުރިއަށް ގެންދިޔަ މި ޓޯކް ޝޯގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރަށް ވަނީ އަލިއަޅުވާލާފަ އެވެ.

މި ޓޯކް ޝޯގެ މެހެމާނުންގެ ގޮތުގައި ބައިވެރިވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ޒުލައިހާ އިބްރާހީމާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ ފައުންޑާ އައިޝާ އަދްނާނާއި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދެވެ.

މި ޓޯކް ޝޯގައި ވަނީ ރާއްޖޭގެ މުވާސަލާތީ ސިނާއަތް ފެށުނު ގޮތާއި މި ސިނާއަތް މިއަދާ ހަމައަށް ވެސް ކުރިއަރާފައިވާ ގޮތުގެ މައްޗަށް ބަލާލާފަ އެވެ.

މީގެ އިތުރުން ޝޯގެ މެހެމާނުން ވަނީ ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި މީގެ ސަބަބުން ކާމިޔާބުކަމާއެކު މީހުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ޑިޖިޓަލް ސްޕޭސްއެއް ގާއިމުކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

ޓޯކް ޝޯގެ އިތުރުން މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އެކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކަށް ޒިޔާރަތްކުރި ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން 100ޖީބީގެ މުޅިން އާ ޑޭޓާ ޕެކްތަކެއް ތަޢާރަފުކޮށްފަ އެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ އެވެ.

ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ވޭތުވެދިޔަ 34 އަހަރުގައި ލިބިފައިވާ އަދި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގުބަލެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށެވެ.