ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޗާގޯސް މައްސަލައިގައި މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމަށް ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށްފަހު އަލުން ހުށަހެޅީ މިއަދު އެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕިއެމް އާއި ޕީއެންސީގެ އިތުރުން އެމްއެންޕީގެ ހުރިހާ މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ސޮއިކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި އަލީ ހުސައިން ސޮއިކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެޕާޓީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ތެރެއިން ސޮއިކުރެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެކަންޏެވެ.
އަވަސްއާ ވާހަކަ ދެއްކި މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ މައްސަލައިގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތީ އިތުރު މެންބަރުން ސޮއިކުރައްވަން އެދިފައިވާތީ އެވެ.
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބައެއް ދިވެހި ސަރުކާރުން މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފަ އެވެ.