ފިނޭންސް މިނިސްޓްރީ

ލޯނުތައް ދައްކަން 957 މިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނުތައް ދެއްކުމަށް ދައުލަތުން މިއަހަރު 957.6 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ބަޖެޓުގައި ލޯނު ދެއްކުމަށް ކަނޑައެޅި 2.1 ބިލިއަން ރުފިޔާގެ ތެރެއިން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 45.5 ޕަސަންޓު ވަނީ ހޭދަކޮށްފަ އެވެ.

ލޯނު ދައްކަން ބޮޑު ހޭދައެއްކޮށްފައިވާއިރު ދައުލަތުން މިއަހަރު ލޯނަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 33.4 ޕަސަންޓު އިތުރުވެފަ އެވެ. ލޯނު ދެއްކުމަށް ދައުލަތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 717.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ޖުމްލަ 16.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މީގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 3.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް ހަތް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 4.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބުނީ 12.2 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 9.2 ބިލިއަން ރުފިޔާ ހިމެނެ އެވެ.