ޕޮލިޓިކްސް

ފިކުރެެއްގެ ދިރުމުގެ ތަރުޖަމާނަކަށް އަފްޝަން

ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީގެ ތަރުޖަމާނަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ހަމަޖައްސައިފި އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޖޫން 9، 2020 ގައި އަފްޝަން އައްޔަންކުރައްވާފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ އާއިލާއަށް ވަގުތު ދެއްވުމަށާއި އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރެއްވުމަށް ކަމަށެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ކުރިން ފުރުުއްވާފައިވާ އަފްޝަން މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ފިރިކަލުން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މަގާމުން ވަކިކުރައްވާފައި ވަނިކޮށެވެ.

ނިމިގެން ދިޔަ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އަފްޝަން އާއި އަމްރު ތާއީދުކުރެއްވީ ރައީސް މުހައްމަދު ނަޝީދު އެވެ. އަދި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައިވެސް މި ދެ ބޭފުޅުންނަކީ ރައީސް ނަޝީދުގެ އަރިސް ދެ ބޭފުޅުންނެވެ.