ޑރ. މުހައްމަދު މުއިއްޒު

ކުރިއެރުމުގެ ހިއްސާދާރުންނަކީ މަސައްކަތްތެރިން: ރައީސް

ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ ހީވާގި މަސައްކަތްތެރިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ހިތާބެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސައްކަތްތެރީންގެ ރެޔާއި ދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުއްމީދެއް ހަގީގަތަކަށް ނުވާނެ އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސް ކަމަކީ މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމުގައިވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށް ވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި އެކި ވުޒާރާތަކާއި އޮފީސްތަކުން ދައްކަން ޖެހޭވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރުމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި ހިންގުމުގެ ހަރަދުތައް ނުކުރެވި ގައުމުގެ އިގްތިސާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފަ އެވެ،" ހިތާބުގައިވެ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިއުމަށެވެ. މަސްވެރިންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ގައުމުގެ އިގްތިސާދީ ލޭނާރު ހިމާޔަތް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް އަދި ސިއްހީ ހިދުމަތް ފަދަ މުހިއްމު މައިދާންތަކުގައި އަވަދިނެތި އުޅުމަށްފަހު، މަސައްކަތާ ފެޔަށް ޖެހިފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައި ކަމަށެވެ. އަދި އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމައަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުން ހަވާސާވިޔަނުދީ އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނަމެވެ. ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރާނަމެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް އާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދޭނަމެވެ،" ހިތާބުގައިވެ އެވެ.

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިއުމަކީ ހަމައެކަނި ހައްލެއް ނޫނެވެ. މުސާރައާއި އެކު މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުން އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ. މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުމާއި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ. މި ކަންކަން ސަރުކާރުން މިހާރު ފަށައިގެންފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅާފަ އެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއް ވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރެވޭނީ ގިނަ ދުވަހުން ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ އިގްތިސާދީ މަސައްކަތްތައް ފުޅާކޮށް އާ ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި އާ އިންވެސްޓްމަންޓްތައް ކުރުމަށް ފަސް އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރަފުކޮށް ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ސަރުކާރުގެ މި އުއްމީދީ މަސައްކަތްތަކާއެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެކެވެ. ތިޔާގިކަމުގެ އެތައް ފުރުސަތެކެވެ. އަޅުގަނޑުގެ އުއްމީދަކީ އަދި އަޒުމަކީ މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ." ރައީސް ވިދާޅުވި އެވެ.