ހަބަރު

އޮޑިޓް ރިޕޯޓް: އެމްއެމްޕީއާރްސީގެ ހިޔާނާތް 1.22 ބިލިއަން ރުފިޔާއަށް އަރާ

  • އެންމެ ގިނަ ފައިސާ ޖަމާކުރީ މޮހޯގެ ކުންފުނީގެ އެކައުންޓަށް
  • ފައިސާތައް ޓްރާންސްފާ ކޮށްފައި ހުރީ ހަތަރު ކުންފުންޏަކަށް
  • ރަށްތައް ދޫކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރެއިން ހިންގި ކޮރަޕްޝަންގެ ސަބަބުން 79.37 މިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) ގެއްލިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. އޮޑިޓް އޮފީހުން މިހެން ބުނެފައިވަނީ، ދެންމެ އާންމު ކުރި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓްގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އެކުލަވާލި މި އޮޑިޓް ރިޕޯޓް މިހާރު ނެރެފައިވާއިރު،1.22 ބިލިއަން ރުފިޔާ އަކީ 2014 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް ލިބިފައިވާ ފައިސާތައް ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ގެއްލުނު ފައިސާގެ ހުލާސާ

  • އަމިއްލަ އެކައުންޓްތަކަށް 65.01 މިލިއަން ޑޮލަރު، އެއް ބިލިއަން ރުފިޔާ
  • ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު، 97.3 މިލިއަން ރުފިޔާ
  • އަމިއްލަ ކުންފުނިތަކަށް ދިން ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު، 94.8 މިލިއަން ރުފިޔާ
  • ވަކި ކަމެއް ނޭނގި އަމިއްލަ ކުންފުނިތަކަށް ދޫކުރި، 1.90 މިލިއަން ޑޮލަރު

ޓޫރިސްޓް ރިސޯޓާއި ހޮޓާ އަދި ޔޮޓް މެރީނާފަދަ ތަންތަން ތަރައްގީކުރުމަށް ރަށްރަށާއި ފަޅު އަދި ބިންތައް ކުއްޔަށް ދޭނެ ފަރާތްތައް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައި އެތަންތަން ކުއްޔަށް ދިނުމަށް އޭރުގެ މިނިސްޓްރީ އޮފް ޓޫރިޒަމް ސޮއިކޮށް އެކި ފަރާތްތަކަށް ސިޓީ ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގައިވާ ގޮތަށް ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ.

ރަށްރަށާއި ފަޅު އަދި ބިންތައް އެމްއެމްޕީއާރްސީ މެދުވެރިކޮށްގެން ދޫކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތަކީ ޓޫރިޒަމް ގާނޫނުން ލިބިދީފައިވާ ލުއި އެ ގާނޫނުގެ ރޫހާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާކަމުގައި ބެލެވޭތީ، ބީލަމަކާ ނުލައި ސަރުކާރާއެކު ޖޮއިންޓް ވެންޗާ ހަދައިގެންނާއި ބީލަމަކާނުލައި ސަރުކާރު ކުންފުނިތަކަށް ރަށްތަށް ދޫކުރެވޭ ގޮތްތައް ގާނޫނުން ލިބިފައިވާ ލުއި ނަހަމަގޮތުގައި ބޭނުންކުރެވޭފަދަ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަން ޖެހިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓޫރިސްޓް ރިސޯޓާއި ހޮޓާ އަދި ޔޮޓް މެރީނާފަދަ ތަންތަން ތަރައްގީކުރުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ޖުމްލަ 59 ތަނެއް ކުއްޔަށް ވަނީ ދީފަ އެވެ. އޭގެތެރޭގައި ހިމެނެނީ، މިނިސްޓްރީ އާއި އެމްއެމްޕީއާރްސީއާ ދެމެދު އެއްބަސްވުން ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ 53 ތަނަކާއި މިނިސްޓްރީއާއެކު އެއްބަސްވުމެއް ނެތި އެމްއެމްޕީއާރްސީއިން ކުއްޔަށް ދޫކޮށްފައިވާ ހަ ތަނެކެވެ.

މި 59 ތަނުގެ ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކާ ފީގެ ގޮތުގައި ޖުމްލަ 98.86 މިލިއަން ޑޮލަރު ދައުލަތަށް ލިބެންޖެހޭއިރު، އޭގެތެރެއިން 79.61 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއިން ބަލައިގަނެ ރަސީދު ދޫކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީއިން ބަލައިގަތް ފައިސާގެ ތެރެއިން 65.01 މިލިއަން ޑޮލަރު އަމިއްލަ ފަރާތްތަކެއްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 12.50 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މީރާއިން ތިން ލައްކަ ޑޮލަރު ބަލައިގެންފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި 1.80 މިލިއަން ޑޮލަރުގެ ޗެކް ބަލައިގަތް ކަމަށް އެމްއެމްޕީއާރްސީއިން ރަސީދު ދޫކޮށްފައިވީ ނަމަވެސް މި ފައިސާ އެއްވެސް ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން، ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކާ ފީގެ ގޮތުގައި ދެން ލިބެންޖެހޭ ފައިސާގެ ތެރޭގައި ހިމެނެނީ ފައިސާ ދެއްކުން ފަސްކޮށްދީފައިވާ ފަރާތްތަކުން ހޯދަންޖެހޭ 11.25 މިލިއަން ޑޮލަރާއި އެއްބަސްވުން ހަދާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކުން ހޯދަންޖެހޭ ހަ މިލިއަން ޑޮލަރެވެ. 

އެމްއެމްޕީއާރުސީ އިން ފައިސާ ލިބުނު ކުންފުނިތައް

  • އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ހޯދަންޖެހޭ 70.17 މިލިއަން ޑޮލަރު
  • މިލެނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ހޯދަންޖެހޭ 7.50 މިލިއަން ޑޮލަރު
  • އަމިއްލަ ދެ ކުންފުންޏަކުން ހޯދަންޖެހޭ 550 މިލިއަން ޑޮލަރު
  • މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ހޯދަންޖެހޭ 1.15 މިލިއަން ޑޮލަރު

މިފައިސާ އިން 1.1 ބިލިއަން ރުފިޔާ ލިބުނު އެސްއޯއެފް އަކީ، ސްކޯޒް އޮފް ފްލެއާ މިޔުޒިކް ބޭންޑްގެ ލީޑް ވޯކަލިސްޓް އަދި އަދީބުގެ ގާތް މީހެއް ކަމަށްވާ، މ.ސެސްނާ، އައްލާމް މުހައްމަދު ލަތީފް މޮހޯގެ ކުންފުންޏެކެވެ. އޭނާ ހޯދަން ވަނީ ރެޑް ނޯޓިސް ނެރެފަ އެވެ. މިލޭނިއަލް ކެޕިޓަލް އަކީ އަދީބުގެ ބޮޑު ބޭބެ ހާމިދު އިސްމާއިލްގެ ކުންފުންޏެކެވެ. އަދި އަނެއް ދެ ކުންފުންޏަކީ ވެސް މޮހޯގެ އާއިލާގެ ފަރާތްތަކެއްގެ ހިއްސާ އޮންނަ ކުންފުނިތަކެއް ކަމަށްވެ އެވެ. މޮންޓިލިއަމް އިންޓަނޭޝަނަލް އަކީ އަދީބުގެ އާއިލީ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޓޫރިސްޓް ރިސޯޓާއި ހޮޓާ އަދި ޔޮޓް މެރީނާ ތަރައްގީ ކުރުމަށް ތަންތަން ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައި އެފަދަ ތަންތަނުން ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކާ ފީގެ ގޮތުގައި ފައިސާ ނެގުމަށް ބަޔާންކޮށްފައިވާ ރޭޓުތަކަށްވުރެ ކުޑަ އަގެއް ނަގައިގެން ކުއްޔަށް ދޫކޮށްފައިވާ ނުވަ ތަނަކަށް ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކާ ފީގެ ގޮތުގައި ނަގަންޖެހޭ 7.21 މިލިއަން ޑޮލަރު ނަގާފައިނުވާ ސަބަބު އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން ޓޫރިޒަމް ސިނާޔަތުގެ މަސައްކަތަށް ދޫކޮށްފައިވާ ދެ ބިމާއި އެއް ފަޅުގެ
ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކަންޖެހޭ ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާ ގޮތަށް އެއްބަސްވުން ހަދާފައިވެ އެވެ. އޭގެތެރެއިން އެއް ބިމާއި ސީއެސްއާރް ކޮމްޕޯނެންޓެއް ހިމަނައިގެން ދީފައިވާ ބިމެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއާގުޅޭ އިތުރު ތަފްސީލެއް އެއްބަސްވުމުގައި ހިމަނާފައިނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

ކުރިން ކުއްޔަށްދޭން ނިންމާފައިވާ ރަށެއް އިތުރު ދެ ފަރާތަކަށް އަލުން ކުއްޔަށް ދޫކުރާނެކަން އަންގައި އެ ފަރާތްތަކުން ރަށްތައް ކުއްޔަށް ނަގާ ފަރާތަކުން ސަރުކާރަށް ދައްކަންޖެހޭ ފީގެ ގޮތުގައި ފައިސާ ނަގާފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް އަދާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެމްޕީއެލް އިން އެކި ފަހަރު މަތިން 13.31 މިލިއަން ޑޮލަރު ގަތުމުގެ ނަމުގައި ޖުމުލަ 205.21 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީ އިން ދޫކޮށްފައިވާއިރު، އެމްޕީއެލްއަށް މިހާތަނަށް ޖުމުލަ 5.52 މިލިއަން ޑޮލަރު ލިބިފައިނުވެ އެވެ. އަދި ޑޮލަރު އަނބުރާ ހޯދުން އެކި ފަހަރު މަތިން ފަސްކޮށް ކުރިން ދީފައިވާ ފައިސާއަށް ޑޮލަރު ލިބުމުގެ ކުރިން އިތުރަށް ޑޮލަރު ގަތުމުގެ ނަމުގައި ފައިސާ ދޫކުރަމުން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އަދި ޑޮލަރު ލިބުމުގައި އޮތް ރިސްކުތަކަށް ރިއާޔަތްކޮށް އެއް އަހަރުތެރޭ ގިނަ އަދަދެއްގެ ޑޮލަރު ގަތުމަށް އެމްއެމްޕީއާރްސީއަށް ދޫކުރަމުން ގޮސްފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.މިފައި