ބޮލީވުޑް

ބޯނީގެ ދެ އަނބިންގެ މެދުގައި ރަވީނާ ހަދާނެ ގޮތް ހުސްވި ދުވަސް

ރަވީނާ ޓަންޑަން ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ވަރަށް ގާތް ދެ އެކުވެރިންގެ މެދުގައި ހަދާނެގޮތް ހުސްވެފައި ހުންނަން ޖެހުނު ދުވަސްވަރެއްގެ ހަނދާންތައް އާކޮށްފި އެވެ.

މި ދެ އެކުވެރިންނަކީ މިހާރު މަރުވެފައިވާ މަޝްހޫރު ބަތަލާ ޝްރީދޭވީ އާއި އޭނާގެ ފިރިމީހާ ބޯނީ ކަޕޫރުގެ ފުރަތަމަ އަނބިމީހާ މޯނާ ކަޕޫރެވެ. މޯނާ އަކީ އަރްޖުން އާއި އަންޝުލާގެ މަންމަ އެވެ. ޝްރީދޭވީގެ ތިބީ ޖާންވީ އާއި ޚުޝީ އެވެ.

މޯނާ އާއި ޝްރީދޭވީ އަކީ ރަވީނާގެ ވަރަށް ގާތް ދެ ރައްޓެހިންނެވެ. ރަވީނާ ކިޔައިދިނީ ޝްރީދޭވީގެ ލޯބީގެ އަވައިގައި ޖެހި ބޯނީ އޭނާގެ އަންހެނުން މޯނާ ވަރިކުރަން އުޅުނު ދުވަސްވަރުގެ ވާހަކަ އެވެ.

"މޯނާ ރޮއި ހިތާމަކުރަނީ ޝްރީދޭވީއާ ކައިވެނިކުރަން ވެގެން މޯނާ ވަރިކުރަން ބޯނީ އުޅޭތީ. ޝްރީދޭވީ ރޮނީ ބޯނީ ދެކެ ލޯބިވެވި އޭނާއާ ކައިވެނި ކުރެވޭނެ ގޮތެއް ނެތިގެން. އަހަރެން ދެ މީހުންގެ ހާލަތު ވެސް ވިސްނޭތޯ ވަރަށް މަސައްކަތް ކުރިން. އަދި ދެ އެކުވެރިންނަށް ވެސް އަހަރެންނަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ވެސް ބެލިން،" ރަވީނާ ބުންޏެވެ.

ޝްރީދޭވީ އާއި ރަވީނާ ވަނީ 1994ގައި ރިލީޒްކުރި "ލާޑްލާ"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އޭރުއްސުރެ ޝްރީދޭވީ އާއި ރަވީނާގެ ގުޅުން ވަރަށް ގާތެވެ. ޝްރީދޭވީ އާއި ބޯނީ ކައިވެނިކުރީ 1996 ވަނަ އަހަރު މޯނާ ވަރިކުރުމަށްފަހު އެވެ.

ރަވީނާ އާއި ފިރިމީހާ އަނިލް ތަޑާނީގެ ގެޔަށް ބޯނީ އާއި މޯނާއަށް ދައުވަތު ދީގެން ވަރަށް ގިނައިން އޭރު ގެންދެ އެވެ. އެހެންވެ މޯނާއާ ރަވީނާގެ ވެސް ގާތް ގުޅުމެއް އުފެދިފައި ވެއެވެ. އަދި 2012ގެ މާޗް މަހު ކެންސަރު ބަލީގައި މޯނާ މަރުވަންދެން ވެސް މި ގުޅުން ދެމި އޮތެވެ. ހަމަ އެގޮތަށް 2018ގެ ފެބްރުއަރީގައި ޝްރީދޭވީ މަރުވެފައިވާއިރު އޭނާގެ މަރު ދުވަހާ ހަމައަށް ވެސް ރަވީނާ ވަނީ އޭނާއާ ވެސް ގާތް ގުޅުމެއް ބާއްވާފަ އެވެ.

އީޓައިމްސް އަށް ދީފައިވާ އިންޓަވިއުގައި ރަވީނާ ބުނީ މޯނާ އާއި ޝްރީދޭވީ އާ ދެއެކުވެރިންގެ މައްސަލަގަނޑުގެ ތެރޭގައި އޭނާއަށް ހަދާނެގޮތް ހުސްވެފައި އެތައް ދުވަހަކު ހުންނަން ޖެހުނެވެ.

"މޯނާ އަކީ އަހަރެންގެ ވަރަށް ވަރަށް ގާތް އެކުވެރިއެއް. އަދި ޝްރީދޭވީއާ އެކުގައި ފިލްމެއް ކުޅުނުފަހުން އޭނާއާ ވެސް އެހާ ބޮޑަށް އެކުވެރިކަން އެފެދުނު. އެހެންވެ އެ ދުވަސްވަރު އަހަރެން ހުރީ ދެ ރައްޓެހިގެން މެދުގައި ހަތަރު އުދަރެސް ފެނުޖެހިފައި. މިކަންތައްގަނޑުގެ ތެރޭގައި އެ ދެ މީހުންނަށް ވެސް ވަރަށް ހިތްދަތި އެހާމެ އުނދަގޫ ދުވަސްތަކެއް ހޭދަކުރަން ޖެހުނު. ކަން ދިމާކުރި ގޮތުން ދެ މީހުން ވެސް ވަނީ ވަރަށް ޒުވާން އުމުރުގައި ދުނިޔެ ދޫކޮށްފައި،" ރަވީނާ ބުންޏެވެ.

ރަވީނާ ބުނި ގޮތުގައި އޭނާއަށް މޯނާގެ މައްސަލަތަކާއި އޭނާގެ ހިތާމަތަކާއި ހިތްދަތިކަން ވެސް އިހްސާސްވެ އެވެ. ހަމަ އެގޮތަށް ޝްރީދޭވީގެ ހަޔާތުގައި ކަންކަން ވަމުންދިޔަ ގޮސް ވެސް ރަނގަޅަށް އެނގެ އެވެ. އެހެންވެ އޭނާ ބެލީ އެއްވެސް ކޮޅަކަށް ނުޖެހި ދެ މީހުންނަށް ވެސް ފާޑު ނުކިޔައި، ގޮތް ކިޔައިނުދީ އޭނާއަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ އެވެ.